ދެވަނަ ހާފްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޒުވާން ފޯވާޑް ކެލެޗީ އިހެނާޗޯ ޖަހައިދިން ލަނޑާއެކު 1-1ގެ ނަތީޖާއަކުން ސައުތުހެމްޓަން އަތުން ބަލިނުވެ، ހަނިގޮތަކަށް މެންޗެސްޓާ ސިޓީ ސަލާމަތްވެޖެއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގެ އެޓީމަށް ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު، މެޗުގެ 27 ވަނަ މިނިޓްގައި ސައުތުހެމްޓަނުން ސިޓީގެ ގޯލް ހުޅުވާލީ އެޓީމުގެ ޑިފެންޑަރު ޖޯން ސްޓޯންއަށް ހެދުނު ގޯހެއްގެ ފައިދާނަގައިގެންނެވެ. ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯއަށް ސްޓޯން ޖައްސާލި ބޯޅަ، އޭނާއަށް ލިބުމުގެ ކުރީން ސައުތުހެމްޓަންގެ ނަދަން ރެޑްމަންޑް ވަނީ ބޯޅަ ހޯދައި ގޯލްތެރެއަށް ފޮނުވާލައިފައެވެ.

އަމިއްލަ ދަނޑުގައި ސަޕޯޓަރުންގެ ނުރުހުމުގެ ބަސްތަކާއެކު ޕެޕްގާޑިއޮލާގެ ސިޓީން މެޗުގެ ދެވަނަ ހާފްގައި ކުޅުން ރަނގަޅުކުރިއެވެ. އަދި އެޓީމަށް ޕޮއިންޓެއް ކަށަވަރުކޮށްދިން ލަނޑު މެޗުގެ 55 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ، ދެވަނަ ހާފް ފެށިއިރު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ނައިޖީރިއަން ޒުވާން ފޯވާޑް ކެލެޗީ އިހެނާޗޯ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ، ލިރޮއީ ސާނޭ ވަރަށް ރީތިކޮށް ސައުތުހެމްޓަންގެ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ފަހު ގާޑިއަލާގެ ސިޓީން ކުޅުން އިތުރަށް ރަނގަޅުކޮށް މޮޅުވާން ބުރަ މަސައްކަތްތަކެއްކުރި ނަމަވެސް، އެޓީމުން އުފެއްދި ހަމަލާތަކުގެ ހުރަހަކަށްވީ، ސައުތުހެމްޓަންގެ ހުޝިޔާރު ގޯލްކީޕަރު ފްރެއިޒާ ފޮސްޓަރއެވެ. އޭނާ ވަނީ، އިލްކޭ ގުންޑޮގާންއާއި ޑެވިޑް ސިލްވާ އުފެއްދި ނުރައްކާތެރި ދެ ހަމަލާ ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު، ސިޓީން ވަނީ އެޓީމު ކުޅުނު ނުވަ މެޗުން ޖުމުލަ 20 ޕޮއިންޓް ހޯދައިގެން އެއް ގޯލްގެ ތަފާތުން ތާވަލުގެ ކުރި ހޯދައިފައެވެ. ހަމަ އެ އަދަތަށް ޕޮއިންޓް ހޯދައިގެން އާސެނަލް ދެވަނައިގައި އޮތްއިރު، 20 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތިންވަނައިގައި އޮތީ ލިވަޕޫލެވެ.

ސައުތުހެމްޓަން އެންމެ ފަހުން ކުޅުނު ފަސްމެޗުންވެސް ބަލިނުވެ، ނުވަމެޗުން ޖުމުލަ 13 ޕޮއިންޓް ހޯދައިގެން ތާވަލުގެ އަށްވަނައަށް ކުރިއަށް ޖެހިލައިފައެވެ.