ޒިކުރާ މިސްކިތުގެ ފާހާނާއިން ނަޖިސް ލީކުވާތާ މިހާރު ފަސް ދުވަސް ވެފައިވާ އިރު އެކަމަށް ހައްލު ހޯދުމަށް އިސްލާމިކް މިނިސްޓްރީ އިން މިރޭ މަސައްކަތް ފަށާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޒިކުރާ މިސްކިތުގެ ފާހާނާއިން ނަޖިސް ލީކުވަމުންދަނީ މިސްކިތުގެ ގޯތި ތެރޭގައި ހުރި ހޮޅިއެއް ބެދިގެންނެވެ. އަދި އެކަމުގެ ސަބަބުން މިސްކިތު ފާހާނާ ތެރެއަށް ނަޖިސްތަށް ފެތުރި މުޅި ހިސާބުން ނަޖިހުގެ ވަސް ދުވަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތަފާ އިބްރާހިމް 'ސަން' އަށް ވިދާޅުވީ ޒިކުރާ މިސްކިތުގެ ފާހާނާއިން ނަޖިސް ބޭރުވާ މައްސަލަ ހައްލުކުރުމަށް އެ މިނިސްޓްރީ އިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި "މިރޭ މަސައްކަތް ފެށޭވަރު ވާނެ" ކަމަށް މުސްތަފާ ވިދާޅުވި އެވެ.

ޒިކުރާ މިސްކިތުގެ ފާހާނާއިން ނަޖިސް ބޭރުވެފައި --- ސަންފޮޓޯ// މުހައްމަދު އަފްރާހް

ޒިކުރާ މިސްކިތުގެ ފާހާނާއިން ނަޖިސް ލީކުވާތީ އެތަނުގެ މުވައްޒަފުން އެކަން ހައްލުކުރުމަށް ބައެއް ހުއްދަތައް ނުލިބޭ ކަމަށް ބުނެ ބައެއް މީޑިއާތަކުން ގެނެސްދީފައިވާ ހަބަރު މުސްތަފާ ވަނީ ދޮގު ކުރައްވައިފަ އެވެ.

މުސްތަފާ ވިދާޅުވީ "މިސްކިތުގެ ފާހާނާއިން ނަޖިސް ބޭރުވާ ނަމަ އެކަން ހައްލުކުރަން ތިބީވެސް މިނިސްޓްރީ" ކަމަށެވެ. އަދި މިނިސްޓްރީން ކުރާ ކަމަކަަށް މިިސްޓްރީގެ ހުއްދަ ބޭނުން ނުވާނެ ކަމަށް މުސްތަފާ ވިދާޅުވި އެވެ.

ޒިކުރާ މިސްކިތުގެ ފާހާނާއިން ނަޖިސް ބޭރުވާ މައްސަަލަ ހައްލުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.