23 Oct 2016, 20:10
ޕީޕީއެމްގެ ގަވާއިދާ އެއްގޮތަށް އެ ޕާޓީ ހިންގޭނެ މަގެއް ތަނަވަސްކޮށްދީ އެކަމަށް ފަރުވާއެއް ދިނުމަކީ ޝަރީއަތުން ކުރަން ޖެހޭ ކަމެއް ކަމަށާއި އެއީ އެއްވެސް ހާލެއްގައި ޕާޓީގެ ހިންގުމުގެ ތެރެއަށް ޝަރީއަތުން ވަނީ ކަމަށް ނުބެލެވޭނެ ކަމަށް ދިވެހިރާއްޖޭގެ ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފި އެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކަށް ގާނޫނުން ނުވަތަ ހެދިފައިވާ ގަވާއިދުތަކުން މައްސަލައަކަށް ހައްލު ނުހޯދިގެން ކޯޓަށް ހުށަހަޅައިފިނަމަ ޝަރުއީ ކޯޓުތަކުން އެކަމަށް ހައްލު ހޯދައިދޭން ޖެހޭ ކަމަށެވެ.
ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުޝްތަޝާރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން މިއަދު ވަނީ ތާއީދުކޮށްފަ އެވެ.
ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ރައީސް މައުމޫނު އަބަދުލްގައްޔޫމު ވިދާޅުވީ ޕާޓީގައި ޖެހިފައިވާ މައްސަލައަށް އަސާސީ ގަވާއިދުން ހައްލު ލިބޭނެ ކަމަށާއި އެއީ ކޯޓަށް ދާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ކޯޓުން ނިންމުންތަކެއް ނިންމަން ޖެހޭ ކަމެއް ނޫން ކަމަށްވެސް މައުމޫނު ވަނީ ވިދާޅުވެފަ އެވެ.

20 އޮކްޓޯބަރ 2016: ޕީޕީއެމް މައްސަލާގެ އިސްތިއުނާފް އަޑުއެހުން ނިންމާލުމަށް ފަހު މައްސަލަ ހުށަހެޅުއްވި މެމްބަރުންނާއި ވަކީލު ހައިކޯޓުން ނިކުމެވަޑައި ގަންނަވަނީ---ސަން ފޮޓޯ-- މުހައްމަދު އަފްރާހް
މިއަދު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޕީޕީއެމް މައްސަލައަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުން ވެސް އަދި އެ ގާނޫނުގެ ދަށުން ހެދިފަައިވާ ގަވާއިދުތަކުން ވެސް ހައްލެއް ލިބެން ނެތް ކަމަށެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި ޝަރުއީ ކޯޓަކަށް މައްސަލަ ހުށަހަޅައިގެން ހައްލުހޯދުމަށް އެއްވެސް ގާނޫނެއް ވެސް އަދި ގަވާއިދެއްވެސް މަނާ ނުކުރާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
"ޕީޕީއެމްގެ ގަވާއިދާ އެއްގޮތަށް ޕީޕީއެމްގެ ރައީސް އަމަލުކުރަމުން ނުދާތީ އެޕާޓީގެ ކަންކަން ކުރިއަށް ގެންދެވޭނެ އިތުރު ގޮތެއް ނެތިގެން އެކަމުގެ ފަރުވާއެއް ހޯދުމަށް އެޕާޓީގެ މެމްބަރުންތަކެއް ޝަރީއަތަށް މައްސަލަ ހުށަހަޅާފައިވާ މި ހާލަތުގައި، ޕާޓީގެ ގަވާއިދާ އެއްގޮތަށް ހިންގޭނެ މަގެއް ތަނަވަސްކޮށްދީ އެކަމަށް ފަރުވާއެއް ދިނުމަކީ ޝަރީއަތުގެ ފަރާތުން ކުރަން ޖެހޭނެ ކަމެއްކަމާއި އެއީ އެއްވެސް ހާލެއްގައި ޕާޓީގެ ހިންގުމުގެ ތެރެއަށް ޝަރީއަތުން ވަނީ ކަމަށް ނުބެލެވޭނެކަން"ހައިކޯޓު ހުކުމް
ސިޔާސީ ޕާޓީއެއްގެ ރައީސަކު އެ ޕާޓީއެއްގައި ހުރެ އަސާސީ ގަވާއިދާ ހިންގާ ގަވާއިދާ ހިލާފުވެ ގަވާއިދުން ބޭއްވުމަށް ލާޒިމްކުރާ ކައުންސިލް ބައްދަލުވުންތައް ބާއްވަން ދެކޮޅު ހަދާނަމަ އެކަން ހައްލު ކުރުމަށް ދެން ކަންކުރަން ޖެހޭނެ ގޮތް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވެސް އަދި ގަވާއިދެއްގައިވެސް ހިމަނާފައި ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެފަދަ ހާލަތެއްގައި ކޯޓަކަށް މައްސަލައެއް ހުށަހެޅުމުން އެކަމަކަށް "އަވަސް އަދި އިންސާފުވެރި ހައްލެއް ހޯދައިދިނުމަށްޓަކައި" ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުނުވާ ގޮތުގެމަތިން ނެރެންޖެހޭ އަމުރުތައް ނެރުމާއި ހުކުމްތައް ކުރުމަކީ ވިރާސީ ގޮތުން ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަމަށްވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.
ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ މައްސަލަބެއްލެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ރައީސް މައުމޫނުގެ ފަރާތުން ދަރިކަނބަލުން ޔުމްނާ މައުމޫނު ވިދާޅުވީ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށާއި މައްސަލަ ހައިކޯޓުން ނިންމާފައި ވަނީ އިންސާފުވެރިކޮށް ނޫން ކަމަށެވެ. އަދި ޕީޕީއެމްގެ މެމްބަރުން ރައީސް މައުމޫނާ އެކު ތިއްބެވުމަށް ޔުމްނާ ވަނީ އެދިލައްވާފަ އެވެ.