23 Oct 2016, 19:48
ޓީސީ ސްޕޯޓްސް 5-3ގެ ނަތީޖާ އަކުން ބަލިކޮށް އެންމެ ފަހުން ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވާ ކްލަބް އީގަލްސްއިން އެ މުބާރާތުގެ ޗެމްޕިއަންކަން ދިފާއުކޮށްފި އެވެ.
އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު މިއަހަރު ޔޫތް ޗެމްޕިއަންޝިޕް ބޭއްވިއިރު އެންމެ ފަހުން އެ މުބާރާތް ބޭއްވީ 2014 ވަނަ އަހަރު އެވެ. މިދިޔަ އަހަރު އެ މުބާރާތް ނުބޭއްވުނީ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ފަހު ގައުމީ ފުޓްބޯޅަ ދަނޑުގެ ވިނަގަނޑު ހަލާކުވުމާ ގުޅިގެން އެފްއޭއެމްގެ ކަލަންޑަރަށް ގެނައި ބަދަލުތަކަކާ ގުޅިގެންނެވެ.
ޔޫތު ޗެމްޕިއަންޝިޕް ގެ ފައިނަލްގައި އީގަލްސްއާ ޓީސީ ކުޅުނު މެޗުގެ ތެރެއިން ---ސަން ފޮޓޯ/މުހައްމަދު އަފްރާހް
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗުގައި ގިނަ ގޯލުތަކެއް ވަނީ ފެނިގެން ގޮސްފައެވެ. އީގަލްސްގެ ފަސް ގޯލުގެ ތެރެއިން އަނަސްރު އިބްރާހިމް (އަންކޮ) އާއި އަހުމަދު ރިޒްވާން ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ކާމިޔާބު ކޮށްފައެވެ. އީގަލްސްގެ އަނެއް ގޯލު ކާމިޔާބު ކޮށްދިނީ އިބްރާހިމް އައިސަމްއެވެ.
ޔޫތު ޗެމްޕިއަންޝިޕް ގެ ފައިނަލް މެޗަށް ފަހު ދެޓީމް ގެ ކުޅުން ތެރިން ސަލާން ކުރަނީ --ސަން ފޮޓޯ/މުހައްމަދު އަފްރާހް
ޓީސީގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބްކޮށްދިނީ އަލީ ހާފިޒް (އައްޔަ)އެވެ. ޓީސީގެ އަނެއް ގޯލު ކާމިޔާބްކޮށް ދިނީ އިބްރާހިމް ވަހީދު ހަސަންއެވެ.
އެ މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަށް ހޮވުނީ އީގަލްސްގެ ގޯލު ކީޕަރު އާދަމް އިމާމްއާ މިޑްފީލްޑަރު އަންކޮއާ ޓީސީގެ އަލީ ހާފީޒްގެ އިތުރުން މާޒިޔާގެ މުހައްމަދު އިންޝާލްއެވެ.
ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ހަތަރު ކުޅުންތެރިން ---ސަން ފޮޓޯ/މުހައްމަދު އަފްރާހް
ފެއާ ޕޮލޭ ޓީމަކަށް ހޮވުނީ މާޒިޔާއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އީގަލްސްއަށް ޗެމްޕިއަންކަން ހޯދަދިން ކޯޗު އަހުމަދު ޝާކިރު އެވެ.