23 Oct 2016, 19:30
ދެކުނު އޭޝިއާ ސަރަހައްދަށް ހާއްސަކޮށްގެން ބާއްވާ ފަތުރުވެރިކަމުގެ އެންމެ ޝަރަފްވެރި އެވޯޑް ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަށް ސްރީ ލަންކާ އިން ނޮމިނޭޓް ވެފައިވާ ފަރާތްތަކަށް ފަނޑިޔާރުކުރުން އެ ގައުމުގައި ފަށައިފި އެވެ.
ސްރީ ލަންކާ ވިޔަފާރިވެރިންގެ ޖަމިއްޔާ، ކޮލަންބޯ ޗެމްބާ އޮފް ކޮމާސް އާ ގުޅިގެން މިއަހަރު ބާއްވާ ސަޓާ އެވޯޑްސްގެ ނޮމިނީސް އަށް ފަނޑިޔާރުކަން ކުރާނީ ރާއްޖެ އާއި އިންޑިއާ އަދި ލަންކާގެ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައި ތިއްބެވި މާހިރުންގެ ޕެނަލަކުންނެވެ.
އެވޯޑް ދިނުމުގައި އޮންލައިންކޮށް ލިބޭ ވޯޓުގެ 50 ޕަސެންޓާއި ތަޖުރިބާކާރު ފަނޑިޔާރުންގެ ޓީމަކުން ފަނޑިޔާރުކަންކޮށް ބާކީ 50 ޕަސެންޓް މާކްސް ދޭނެ އެވެ. އަދި މިހާރު ވަނީ އޮންލައިންކޮށް ނޮމިނީސްއަށް ވޯޓު ދިނުމަށް ހުޅުވާލި ފުރުސަތު ނިމިފަ އެވެ.
ފަނޑިޔާރުކަން ކުރުމުގައި ކޮންމެ ގައުމަކުން އެވޯޑަށް ނޮމިނޭޓްވެފައިވާ ފަރާތްތަކަށް ފަނޑިޔާރުކަން ކުރާނީ އެ ގައުމެއްގަ އެވެ. އެގޮތުން، ރާއްޖޭގެ ނޮމިނީސްއަށް ފަނޑިޔާރުކަން ކުރުމަށްފަހު ފަނޑިޔާރުންގެ ޕެނަލުން ސްރީ ލަންކާއަށް ގޮސް ފަނޑިޔާރުކަން ކުރަން ފަށާފައި ވަނީ އިއްޔެ އެވެ.
ލަންކާގެ ނޮމިނީސްއަށް ފަނޑިޔާރުކަން ކުރުން އަންނަ އަންގާރަ ދުވަހާ ހަމައަށް ކުރިއަށްގެންދަން ނިންމާފައިވާއިރު، ނޮމިނީސްގެ ޕްރެޒެންޓޭޝަންތައް ކުރިއަށްދަނީ މިއަހަރުގެ ސަޓާ އެވޯޑްސްގެ ހޯސްޓް، ލަންކާގެ މަޝްހޫރު ލަގްޒަރީ ހޮޓެލް، މައުންޓް ލެވީނިއާގަ އެވެ.
ރާއްޖޭގެ ތަޖުރިބާކާރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި، ހައިރައިޒް އިން އިންތިޒާމު ކުރާ މިއަހަރުގެ ސަޓާ އެވޯޑުގެ 39 ދާއިރާގެ ތެރެއިން 25 ދާއިރާއަކުން 71 ފަރާތަކުން ވަނީ ނޮމިނޭޓްވެފަ އެވެ.
ސަޓާގެ ކެޓަގަރީ ތަކުގެ ތެރެއިން ލީޑިން ޓްރެވަލް ޓެކްނޮލޮޖީ އާއި ލީޑިން ސިޓީ ހޮޓެލުގެ އިތުރުން ލީޑިން ބިޒްނަސް ހޮޓެލް އަދި ލީޑިން މީޓިން އެންޑް ކޮންވެންޝަން ސެންޓަރަށް ނޮމިނޭޓްވެފައި ވަނީ ހަމައެކަނި ލަންކާގެ ފަރާތްތަކުންނެވެ.
އެގޮތުން، ލަންކާގެ ބޮޑެތި ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ ސިނަމަން، ސެރެން ޕެވިލިއަންސް، އަމާޔާ ރިސޯޓްސް، ތާޖު ސަމުދްރާ، ދަ ކިގްސްބަރީ، ސިލޯން ސިޓީ ހޮޓެލްގެ އިތުރުން އަކުއާ އިން، ބެސްޓް ވެސްޓާސް ފަދަ ބްރޭންޑްތައް ކެޓަގަރީތަކަށް ވަނީ ނޮމިނޭޓްވެފަ އެވެ.
އަންނަ މަހުގެ 15 އަދި 16 ގައި ބާއްވަން ހަމަޖެހިފައިވާ ސަޓާ އެވޯޑްސްގެ ގާލާ އަދި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި 10 ސެގްމަންޓަކުން، 39 ކެޓަގަރީ އަކުން އެވޯޑް ދޭނެ އެވެ.