ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުޝްތަޝާތު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލު ކުރެއްވުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފި އެވެ.

ޕީޕީއެމް މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ ޕީޕީއެމްގެ އާންމު މެމްބަރު ސ. ހުޅުދޫ ފެންފިޔާޒު ވިލާ، އައްބާސް ވާފިރު އެވެ.

އެ މައްސަލަ ނިންމައި ހުކުމް އިއްވަމުން ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ ޕީޕީއެމް މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ އެ ޕާޓީ ހިނގުމަށް ހުއްޓުމެއް އައިސްފައިވާ އައުން ބަދަލުކޮށް އެކަމަށް ފަރުވާއެއް ހޯދުމަށް ކަމަށެވެ. އަދި ގާނޫނަކުން ނުވަތަ ގަވާއިދަކުން ވެސް ފަރުވާއެއް ލިބެން ނެތް އެ ހާލަތުގައި މައްސަލައަށް ފަރުވާއެއް ހޯދައި ދިނުމަކީ ޝަރީއަތުން ކުރަން ޖެހޭ ކަމެއް ކަމަށް ދީދީ ވިދާޅުވި އެވެ.

ޕީޕީއެމްގެ މުޝްތަޝާރު ރައީސް ޔާމީނާ ޕީޕީއެމް ހަވާލު ކުރުމަށް ކުރި ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ވެސް ހުކުމް އިއްވަމުން ފަނޑިޔާރު ދީދީ ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީ ހިންގަމުން ނުދާކަން އެނގޭ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އަދި އެކަން އެނގެނީ ޕީޕީއެމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގެ ޑިސްޕިއުޓް މަރުހަލާގައި މައްސަލައަށް ހައްލެއް ނުލިބުމާއި ހައި ކޯޓުގައި ޝަރީއަތުގެ މަޖިލީހުގައި ރައީސް މައުމޫނުގެ ފަރާތުން ދައްކާފައިވާ ވާހަކައިން ކައުންސިލް ބައްދަލުވުންތައް ގަވާއިދުން ނުބޭއްވޭ ވާހަކަ ހިމަނާފައި ވާތީ ކަމަށް ހުކުމުގައިވެ އެވެ.

ޕީޕީއެމް ހިންގުން ހުއްޓުމަކަށް އައިސްފައިވާ އެފަދަ ހާލަތެއްގައި ޕާޓީ ހިންގުމަށް ރައީސް މައުމޫނު އުޒުރުވެރިވަމުން ދިއުމަކީ ޕީޕީއެމް ހިންގުމަށް އޮތް ހުރަހެއް ކަމަށް ހުކުމުގައިވެ އެވެ. އަދި އެފަދަ ހާލަތުގައި މަައްސަލައަށް އަވަސް އިންސާފުވެރި ހައްލެއް ހޯދައި ދިނުމަކީ ޝަރީއަތުން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.

ގާނޫނުތަކުގައްޔާއި ގަވާއިދު ތަކުގައި ހިމަނާފައިނުވާ ކަންކަމަށް އިންސާފު ހޯދަައިދިނުމަކީ ކޯޓުތަކަށް ވިރާސީ ގޮތުން ލިބިދޭ ބާރެއް ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.

ޕާޓީގެ ނައިބު ރައީސް ވަކިކޮށްފައިވާ ކަމަށް ހާމަކޮށްފައިވާ ހާލަތުގައި އަދި ނައިބު ރައީސްގެ މަގާމާމެދު ސުވާލު އުފެދިފައިވާ ހާލަތުގައި ދެން ޕާޓީގެ އެންމެ އިސް މަގާމެއްގައި ހުންނާނީ މުޝްތަޝާރު ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

އެހެންކަމުން ޕާޓީގެ ރައީސް މައުމޫނު ޕާޓީ ހިންގުމަށް އުޒުރުވެރިވެފައިވާ ހާލަތުގައި ޕާޓީއަށް ކުރިމަތިވެފައިވާ މައްސަލައަށް އެ ހިނދަށް އެންމެ ރަނގަޅު ފަރުވާއަކީ ޕާޓީގެ މުޝްތަޝާރު ރައީސް ޔާމީނާ ޕާޓީ ހިންގުން ހަވާލުކުރުން ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައި ވަނީ މައްސަލަ ބެއްލެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އިސް ފަނޑިޔާރު އަބްދުﷲ ދީދީ ރިޔާސަތު ބެލެހެއްޓެވި އެ މައްސަލައިގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ސަމީރު އާއި ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.

ޝަރީއަތަށްފަހު، ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ހައި ކޯޓުން ކުރި ހުކުމަކީ ގާނޫނީ ގޮތުން ދެކޮޅު ޖެހޭ ހުކުމެއް ނޫން ކަމަށާއި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫންގެ ދަލިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ ޕީޕީއެމްގެ އާންމު މެމްބަރުން ރައީސް މައުމޫނުގެ ފަހަތްޕުޅުގައި ތިއްބެވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރެއްވުމަށް އިންސާފުވެރި ނިޔާއެއް ކަނޑައަޅުއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.