23 Oct 2016, 16:20
ބަޣްދާދު (އޮކްޓޯބަރު 23) : އައިއެސް ޖަމާއަތުގެ އަތްދަށުން މޫސަލް މިނިވަން ކުރުމަށް އިރާގުން ފަށާފައިވާ ހަނގުރާމައިގާ އެޖަމާއަތުގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ އަބޫއުސާމާ މަރާލައިފި ކަމަށް ޚަބަރު ލިބިއްޖެ އެވެ.
އަބޫ އުސާމާއަކީ އައިއެސްގެ ލީޑަރު އަބުބަކުރުލްބަޣްދާދީގެ އިސް އެހީތެރިއެއް ކަމަށްވެ އެވެ. އިރާގު ސިފައިން ނެރުނު ބަޔާނެއް ބުނާ ގޮތުން އުބޫއުސާމާ މަރާލީ އައިއެސްގެ އިސް ބައެއް މީހުން ތިބި ތަނަކަށް ދިން ވައިގެ ޙަމަލާތަކެއްގަ އެވެ. މޫސަލްގެ އަވަށެއްކަމަށްވާ ތެލްސަގަފުގައި އެމީހުން ތިބިކަން އެނގުނީ އެރަށުގެ ބަޔަކު ފޯރުކޮށްދިން ޖާސޫސީ މައުލޫމާތަކުން ކަމަށާ އިރާގު ސިފައިންގެ ވައިގެ ޙަމަލާތަކުގައި އަބޫއުސާމާގެ އިތުރުން އައިއެސްގެ އިތުރު މަސްއޫލުވެރިންތަކެއް ވެސް މަރުވެފައިވާ ކަމަށް އިރާގުގެ ބަޔާން ބުނެ އެވެ.
އަނެއްކޮޅުން އިރާގުގެ ކުރުދިސްތާން ސަރަހައްދުގެ ލޯކަލް ސަރުކާރުގެ ދާޚިލީ ވަޒީރު ކަރީމް ސަންޖާރީ ވަނީ އައިއެސްގެ ލީޑަރު އަބޫބަކުރުލްބަޣްދާދީ މޫސަލްގައި އުޅޭކަން ކަށަވަރުވެފައިވާކަމަށް ވިދާޅުވެފަ އެވެ. ސަންޖާރީ ވިދާޅުވީ ބަޣްދާދީ މޫސަލްގައި އުޅޭކަމުގެ އިތުބާރު މައުލޫމާތު ލިބިފައިވާކަމަށާ އޭނާ މީގެ ތިން ދުވަސްކުރިން ފެނިފައިވާ ކަމަށް ވެސް ކުރުދީންގެ ދާޚީލީ ވަޒީރު ވިދާޅުވި އެވެ. އަދި މޫސަލްގެ ބައެއް ސަރަހައްދުތަކުގެ އާންމުން ބަޣްދާދީގެ އަނިޔާވެރި ވެރިކަމާދެކޮޅަށް އުތުރިއަރަމުން ދާކަމަށް ވެސް ސަންޖާރީ ވިދާޅުވި އެވެ.
މޫސަލް އަކީ ބަޣްދާދީ "އިސްލާމީ ޚިލާފަތު"ގެ ނަމުގައި އައިއެސްގެ ވެރިކަން އިޢްލާންކުރި ރަށެވެ. މޫސަލް މިނިވަން ކުރުމުގެ ހަނގުރާމަ އިރާގުން ފެށީ މިދިޔަ ހޯމަދުވަހު އެވެ. އެރަށްމިނިވަން ކުރުމުގެ ހަނގުރާމައިގާ އިރާގު ސިފައިންގެ 45 ހާސް ސިފައިން ބައިވެރިވެ އެވެ. މީގެއިތުރުން ކުރުދީންގެ ބިޝްމަރުގާ ސިފައިންނާއި އިރާގުގެ ހަޝްދުއްޝައަބީ މިލީޔާގެ ހަނގުރާމަވެރިންނާ އަދި އެމެރިކާ އާއި ހުޅަނގުގެ ބާރުތަކުގެ ވައިގެ ސިފައިންނާއި އީރާނުގެ އަސްކަރީ މުސްތަޝާރުން ވެސް ބައިވެރިވެ އެވެ.
މޫސަލްގެ ހަނގުރާމައިގާ އިރާގު ސިފައިންނާއި ކުރުދީ ލަޝްކަރުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން ގެންދާއިރު އައިއެސް ގެ ހަނގުރާމަވެރިން އެރަށުން ފިލަމުންގެންދާ ކަމުގެ ޚަބަރުތަކެއްވެސް ވަނީ ފެތުރިފަ އެވެ. މިއާއެކު އައިއެސްގެ ހަނގުރާމަވެރިން މިދިޔަ ހުކުރުދުވަހުވަނީ ކިރްކޫކަށް ވަރުގަދަ ޓެރަރިސްޓް ހަމަލާތަކެއްދީ އެތަށްބަޔަކު މަރާލާފަ އެވެ. މިކަންކޮށްފައިވަނީ މޫސަލްއިން ފިލައިގެންދާ އައިއެސްގެ ހަނގުރާމަވެރިންގެ ޖަމާއަތެއްކަމަށާ މޫސަލްއަށް ހަމަލާދިން އައިއެސްގެ ގިނަ މީހުން މިހާރު މަރާލެވިފައިވާކަމަށް އިރާގުގެ ކުރުދީ ބާރުތަކުން ހާމަކޮށްފައިވެ އެވެ.
އައިއެސް އަކީ ބޮޑެތި ލަޝްކަރުތަކާ ސީދާގޮތެއްގައި ހަނގުރާމަކުރެވޭހާ އަސްކަރީ ބާރުއޮތް ޖަމާއަތެއް ނޫނެވެ. އައިއެސްއިން ގެންގުޅޭ އަސްކަރީ ސްޓްރެޓެޖީއަކީ ބާރުގަދަ ލަޝްކަރުތަކާ ސީދާ ކުރިމަތިލުމަށް ނުގޮސް ކާރުބޮންގޮއްވައިގެންނާއި އަމިއްލައަށް މަރުވެގެން އެލަޝްކަރުތަކަށް ޓެރަރިސްޓް ހަމަލާތައް ދިނުމުގެ ސްޓްރެޓެޖީއެވެ. މޫސަލްގެ ހަނގުރާމަ ކުރިޔަށްދާއިރު އައިއެސްއިން ބަޣްދާދަށް ވަރުގަދަ ޓެރަރިސްޓް ހަމަލާތަކެއް ދޭނެކަމުގެ ބިރުވަނީ ހީވެފަ އެވެ.
އައިއެސްއިން މޫސަލް ހިފާފައި ވަނީ 2014 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. (ނޫސްއެޖެންސީތައް)