09 Jun 2011, 17:40
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އަރިއަތޮޅު އުތުރުބުރީ ރަސްދު އަށް މިއަދު މެންދުރު ފަހު ޒިޔާރަތް ކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ، ރަސްދުއަށް ކުރެއްވި ދަތުރުފުޅުގައި، ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލަށާއި އއ. އަތޮޅު ތަޢްލީމީ މަރްކަޒަށް ވަޑައިގެން، ރަށުގެ ޞިއްޙީ ޚިދްމަތާއި، ތަޢްލީމު ފޯރުކޮށްދެއްވުމުގެ ވަސީލަތްތައް ހުރިނެތްގޮތް ބައްލަވާލެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އއ. އަތޮޅު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި، ކައުންސިލް މެންބަރުންނާއި އެ ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގައި ލިބެންހުރި ޞިއްޙީ ފަރުވާގެ ފެންވަރު ރަނގަޅު ކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
އަދި އެމަނިކުފާނު ތަޢްލީމީ މަރުކަޒަށް ކުރެއްވި ޒިޔާރަތުގައި ވެސް، ރަށު ކައުންސިލް މެންބަރުންނާއި ސްކޫލްގެ ބޯޑުގެ މެންބަރުންނާ އެކު، ރަށުގެ ތަޢްލީމީ ފެންވަރު ރަނގަޅު ކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާ ބަދަލުކުރެއްވި އެވެ. މިގޮތުން، ރަށުގެ ތަޢްލީމީ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި، ރަށު ކައުންސިލާއި ސްކޫލްގެ ބޯޑާއި މެނެޖްމަންޓް ގުޅިވަޑައިގެން، މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
މީގެއިތުރުން، ރަސްދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްލަވާލެއްވި އެވެ. ރަސްދޫގެ ބަނދަރު މުޅިން ނިންމުމަށް ކަނޑައަޅުއްވާފައިވަނީ، މި ޖޫން މަހުގެ ނިޔަލަށެވެ.
ރައީސުލްޖުމްހޫރިއްޔާ، ރަސްދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، މިހާރު ވަނީ އެ އަތޮޅު ތޮއްޑުއަށް ވަޑައިގެންފައި ކަމަށެވެ.
އެމްޑީޕީގެ އާންމު ޖަލްސާއެއް މިރޭ ތޮއްޑޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.