މާލޭ ވިޔަފާރި ބަނދަރު ތޮއްޖެހި، ޝިޕިންގް ކުންފުނިތަކަށް ބޮޑެތި މާލީ ގެއްލުންތަކެއް ކުރިމަތިވަމުން ދާތީ، ބައެއް ކުންފުނިތަކުން ކަސްޓަމަރުންގެ އަތުން ސާޗާޖެއްގެ ގޮތުގައި އިތުރަށް ފައިސާ ނަގަން ނިންމައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބަލަހައްޓާ މާލެ ވިޔަފާރި ބަނދަރަށް ތޮއްޖެހުމުގެ މައްސަލައެއް ދިމާވެފައިވަނީ އެމްޕީއެލްއިން ކޮންޓޭނަރު ކްލިއާ ކުރުމަށް ބޭނުންކުރާ ސާމާނު ލިބިފައި ނުވާތީއެވެ.

މިދިޔަ ހަފްތާގައި އެމްޕީއެލްގެ އެތަނުގައި ބޭނުންކުރާ ގިނަ ސާމާނުތަކެއް މިހާރު ހުރީ ހަލާކުވެފައި ކަމަށެވެ. އެގޮތުން ކެރޭނު އަދި ފޯކްލިފްޓް ފަދަ ތަކެތި ހަލާކުވެފައި ހުރުމުން މަސައްކަތް ގެންދަންވާ ސްޕީޑަށް ނުގެންދެވޭ ކަމަށް ޖުނައިދު ވިދާޅުވިއެވެ.

މިކަމާ ހެދި، މުދާ ބޭލުމަށް ބަނދަރަށް ކައިރިކުރާ ބޯޓުފަހަރުން މުދާ ބޭލުން ލަސްވެ، އެހެނިހެން ބޯޓުތައް ވެސް ކިއުގައި ޖެހި، ގިނަ ދުވަސްތައް ހޭދަކުރަން ޖެހިފައިވެއެވެ.

މިއަދުގެ ވަގުތެއްގައި ރާއްޖޭގެ ޝިޕިންގް ކުންފުނިތަކުގެ އިސްވެރިންނާ އެކު އެމްޕީއެލްގެ އިސްވެރިންނާއި ސީއީއޯ ވަނީ ބައްދަލު ކުރައްވައިފައެވެ. ނަމަވެސް އެ ބައްދަލުވުމުގައި ދެކެވުނީ ކޮން ވާހަކަތަކެއްކަން އެނގިފައެއް ނުވެއެވެ.

ބަނދަރުގައި ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަން ޖެހުމުގެ ސަބަބުން ޝިޕިންގް ކުންފުނިތަކަށް ގެއްލުން ވަމުން ދާ އިރު، ބައެއް ކުންފުނިތަކުން ދަނީ "ޕޯޓް ކޮންޖެޝަން ސާޗާޖު" ނުވަތަ ބަނދަރު ތޮއްޖެހުމުގެ ސާޗާޖެއްގެ ގޮތުގައި އިތުރު ޗާޖެއް، ކަސްޓަމަރުންގެ އަތުން ނަގަން ތައްޔާރުވަމުންނެވެ.

އެގޮތުން، ރާއްޖޭގެ ޝިޕިންގް ކުންފުންޏެއް ކަމުގައިވާ ލިލީ ޝިޕިންގް އެންޑް ޓްރޭޑިންގްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުން، ނޮވެމްބަރު އެއްވަނަ ދުވަހުން ފެށިގެން ޕޯޓް ކޮންޖެޝަން ސާޗާޖު، އެ ލައިނުން ނަގަން ފަށާނެއެވެ.

ލިލީގެ ބަޔާނުގައި ބުނީ، މާލެ ބަނދަރުގައި ތޮއްޖެހެމުން ދާތީ އެކުންފުނީގެ އޮޕަރޭޝަންތަކަށް ވަރަށް ބޮޑަށް އަސަރުކުރަމުންދާ ކަމަށެވެ.

"މިކަންކަމުގެ ސަބަބުން ކޮންޓޭނާ ޕޯޓް ސްޓޯރޭޖަށް ކުރާ ހޭދަ ބޮޑުވެ، މާލީ ގޮތުން ގެއްލުންތަކެއް ދަނީ ކުރިމަތިވަމުން،"

ޕޯޓް ކޮންޖެޝަން ސާޗާޖު (ޕީސީއެސް) ނަގަން ލިލީ ޝިޕިންގްއިން ނިންމާފައިވަނީ ފުލް ކޮންޓެއިނާ ލޯޑެއް ނަމަ ކޮންމެ 20 ފޫޓުގެ ޔުނިޓަކަށް 65 ޑޮލަރުގެ މަގުންނެވެ.

އަދި ލެސް ކޮންޓެއިނާ ލޯޑެއް ނަމަ ކޮންމެ ކިއުބިކް މީޓަރަކަށް ތިން ޑޮލަރުގެ މަގުންނެވެ.

ލިލީން ބުނީ މާލޭ ބަނދަރުގެ ހާލަތު ރަނގަޅުވުމުން އެ ސާޗާޖު ނެގުން ވެސް ހުއްޓާލާނެ ކަމަށެވެ.

މާލޭ ވިޔަފާރި ބަނދަރަށް ދިމަވެފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި، އެ ބަނދަރުގެ މަގަތު ފާލަން ބޮޑުކުރަން ވެސް ވަނީ ނިންމާފައެވެ.