23 Oct 2016, 17:37
ރަށު ކައުންސިލުތަކުން ވެސް ފަޅުރަށްތައް ވަރުވާއަށް ބޭނުން ކުރެވޭ ގޮތަށް ފަޅު ރަށްރަށާ ބެހޭ ގަވާއިދު އިސްލާހުކޮށްފި އެވެ.
އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ނުވަތަ ޕާޓުނާޝިޕަކަށް ނުވަތަ ޖަމިއްޔާއަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށް އަދި ކައުންސިލަކަށް ވެސް ވަރުވާއަށް ފަޅުރަށްތައް ބޭނުންކުރެވިދާނެ ކަމަށެވެ. ވަރުވާއަށް ފަޅު ރަށެއް ހިފޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.
ކުރިން އެ ގަވާއިދުގައި ބުނެފައި ވަނީ ވަރުވާއަށް ރަށެއް ބޭނުން ކުރެވޭނީ ހަމައެކަނި ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ޖަމިއްޔާތަކަށް އެކަނި ކަމަށެވެ. އަދި ވަރުވާއަށް ރަށެއް ދޫކުރެވޭނީ އެންމެ ގިނަވެގެން ދިހަ އަހަރަށް ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.
ފަޅުރަށްތަކާ ބެހޭ ގަވާއިދުގައި ބުނަނީ ފަޅުރަށެއް ކުއްޔަށް ހިފާއިރު އެ ރަށުގައި ކުރަން ހުށަހަޅާ މަސައްކަތަކީ އެއިރެއްގައި ރާއްޖޭގައި އާންމުކޮށް ނެތް ބާވަތެއް ނުވަތަ ޓެކްނޮލޮޖީއެއް ރާއްޖޭގައި އާންމުކުރުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުމެއް ކަމުގައިވާން ޖެހޭނެ ކަމަށެވެ. ނުވަތަ އެ ހުށަހަޅާ މަސައްކަތުގެ ފުރަތަމަ ފަސް އަހަރު ދުވަހުގެ އިންވެސްޓްމަންޓަކީ 10 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓަކަށް ވާންޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.
މީގެ 17 އަހަރު ކުރިން ހަދާފައިވާ ފަޅުރަށްތަކާ ބެހޭ ގާނޫނުގެ ދަށުން އަލުން ހަދާފައިވާ ގަވާއިދުގައި ބުނެފައި ވަނީ ފަޅުރަށެއް ކުއްޔަށް ހިފާ ފަރާތުން އެ ރަށެއްގައި ހާއްސަކޮށް ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލަން ޖެހޭނެ ކަމަށެވެ.
"ކުއްޔަށް ދޫކުރާ ފަޅުރަށާއެކު ރަށުގެ ބައެއްގެ ގޮތުގައި ފަޅުރަށުގެ ވަށައިގެންވާ ފަޅުގެ 700 މީޓަރުގެ ސަރަހައްދު އާންމު ބޭނުންތަކަށް ފަޅުރަށް ކުއްޔަށް ހިފާ ފަރާތަށް ދޫކުރެވޭނެ އެވެ. ނަމަވެސް އެއް ރަށަށް ވުރެއް ގިނަ ރަށް ހިމެނޭ ފަޅެއް ނަމަ ފަޅުރަށުގެ އިން ވަކި ކުރާނީ ދެރަށް ދެމެދު ހަމަހަމައަށް ބަހާލައިގެން ނެވެ. އަދި ފަޅު ރަށާއެކު ރަށުގެ ބައެއްގެ ގޮތުގައި ދޫކުރާ ފަޅުގެ ސަރަހައްދުގައި އެއްވެސް މަސައްކަތެއް ކުރާ ނަމަ އެ މަސައްކަތެއް ކުރާ ސަރަހައްދަށް ކުލި ނެގޭނެއެވެ." ފަޅުރަށްތަކާ ބެހޭ ގަވާއިދުގައި ބުނެފައިވެއެވެ.
ގަވާއިދުގައި ބުނަނީ ފަޅުރަށެއްގައި ކޮށްފައިވާ އިންވެސްޓުމަންޓު ވިއްކާލާނަމަ އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ފަޅުރަށުގެ އިންވެސްޓުމަންޓު ވިިއްކާލާ އަގުގެ ނުވަތަ އެއް އަހަރު ދުވަހުގެ ކުލީގެ 10 ޕަސެންޓް އިންވެސްޓުމަންޓު ވިއްކާލާ ފަރާތުން ދައުލަތަށް ދައްކަންޖެހޭނެ ކަމަށެވެ.