23 Oct 2016, 15:37
ހުޅުމާލޭގައި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދަށް 3،000 މެޓްރިކް ޓަނުގެ ފެން ފޯރުކޮށްދިނުމަށް ރިވާސް އޮސްމޯސިސް (އާރުއޯ) ޕްލާންޓެއް ގާއިމުކުރުމަށް ހިޓާޗީ އެކުއާ-ޓެކް އިންޖިނިއަރިންގްއާ ހަވާލުކޮށްފިއެވެ.
ރިވާސް އޮސްމޯސިސްއަކީ، ލޮނުފެން މީރުފެނަށް ބަދަލު ކުރުމަށްޓަކައި ބޭނުންކުރާ ޓެކްނޮލޮޖީއެކެވެ.
މި މަސައްކަތް ކުރުމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީއިން ހިޓާޗީއާ ހަވާލުކުރީ، އެމްޑަބްލިއުއެސްސީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތެއްގައެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ ފެން ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި، ހިޓާޗީ އެކުއަޓިކްސް ސިންގަޕޫރުގެ މެނޭޖިންގް ޑިރެކްޓަރު ޓެންގް ޗޭ ވީއެވެ.
މިއީ 1.5 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ.
ހުޅުމާލެ ފޭސް 2 އަށް ފެން ފޯރުކުރުވުމަށް އާރުއޯ ޕްލާންޓެއް ބެހެއްޓުމަށް ހިޓާޗީއާ ހަވާލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ސަރަހައްދަށް ފެން ފޯރުކޮށްދިނުމަށް ގާއިމުކުރާ އާރުއޯ ޕްލާންޓު ބަހައްޓާ އިމާރާތް މި އަހަރު ނިމުމުގެ ކުރިން ނިމޭނެ ކަމަށެވެ. އަދި އެތަނަށް ބޭނުންވާ ކަރަންޓު އުފައްދާ ޕަވަރ ޕްލާންޓު އިމާރާތް ވެސް މިއަހަރު ނިމުމުގެ ކުރިން ނިންމާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ، ހިޓާޗީ އެކުއާޓެކްއިން ގާއިމުކުރުމަށް ހަވާލުކުރި އާރުއޯ ޕްލާންޓު ކުރިޔަށް އޮތް ހަތް ވަރަކަށް މަސް ތެރޭގައި ބަހައްޓާނެ ކަމަށެވެ.
"ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސައްކަތަކީ ރައީސް ޔާމީން ވަރަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތަށް ވުމުން އަޅުގަނޑުމެންގެ އަމާޒަކަށް ވަނީ 2018ގެ ނިޔަލަށް އެތަނުގައި ފެން ގާއިމުކޮށް، ޚިދުމަތް ދެވޭ ވަރު ކުރުން،" ފަޒުލް ވިދާޅުވިއެވެ.