މުޅި ދުނިޔެއަށްވެސް މަޝްހޫރު އޮންލައިން ޝޮޕިން ސައިޓުތައްކަމަށްވާ އެމެޒޯން އާއި ގްރޫޕޮން އިން ވިއްކާ އެޕަލް އެކްސެސަރީސްތަކަކީ ފޭކު ތަކެތި ކަމަށް އެޕަލް އިން ބުނެފިއެވެ.

އެޕަލް އިން ހާމަ ކުރި ގޮތުގައި އެ ދެ ސައިޓުގައި ވިއްކާ އެޕަލް ބްރޭންޑުގެ ޗާޖަރު، ޔޫއެސްބީ ވާގަނޑު ފަދަ ތަކެއްޗަކީ 90 ޕަސެންޓު ފޭކު ތަކެއްޗެވެ. އަދި އެޕަލްގެ އުފެއްދުންތައް އަސްލެއް ކަމަށް ބަލައިގެން އެފަދަތަކެތި އުފައްދައި ވިއްކުމުގެ ތުހުމަތުގައި އެޕަލް އިން ވަނީ މި ދެ އޮންލައިން ޝޮޕިން ސައިޓާ ދެކޮޅަށް ޕޭޓެންޓު ކޮޕީ ކުރުމުގެ ދައުވާއެއް އުފުލާފައެވެ.

މިމައްސަލާގައި އެޕަލް އިން ދައުވާކުރަނީ ޕޭޓެންޓް ކޮޕީ ކުރުމުގެ ބަދަލުގައި. އެ ދެ ކުންފުނިން ކޮޕީ ރައިޓްސް ވަޔަލޭޓް ކޮށްފައިވާ ކޮންމެ ފަހަރަކަށް 150،000 ޑޮލަރާއި އެކުންފުނީގެ ޓްރޭޑްމާކް ބޭނުންކޮށްގެން ފޭކު ތަކެތި އުފައްދައި ވިއްކާފައިވާ ކޮންމެ ފަހަރަކަށް ދެ މިލިއަން ޑޮލަރު އެކަމުގެ ބަދަލުގައި ހޯދުމަށެވެ.

އެޕަލް އިން ބުނި ގޮތުގައި އެގޮތަށް އުފައްދާ ތަކެތީގެ ސަބަބުން އާންމުންގެ މެދުގައި އެޕަލް އަށް އޮންނަ އިތުބާރު ގެއްލޭ ކަމަށާއި އަދި އެތަކެތި ބޭނުންކުރުމުގެ ތެރޭގައި އަލިފާނުގެ ހާދިސާތައް ހިނގައި އާންމުންނަށް އޭގެ ސަބަބުން ގެއްލުން ވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.

އެޕަލް އިން މިހެން ބުނެފައިވާއިރު އެމެޒޯން އަކީ މީހުންގެ މެދުގައި މަގުބޫލު އަދި އެންމެ އިތުބާރު ހިފޭ އެއް އޮންލައިން ޝޮޕިން ޕްލެޓްފޯމެވެ.

މި މައްސަލާގައި އެޕަލްއިން ކޮށްފައިވާ ދައުވާއާ ގުޅިގެން އެމެޒޯން އިން ބުނެފައިވަނީ އެފަދަ ތަކެތި އެ ޕްލެޓްފޯމް މެދުވެރިކޮށް ވިއްކާ ފަރާތްތައް ހޯދައި، އެފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެފަދަ ވިޔަފާރިތައް އެމެޒޯން މެދުވެރިކޮށް ނުކުރެވޭނެ ކަމަށްވެސް އެމެޒޯން އިން ބުނެފައިވެއެވެ.