23 Oct 2016, 15:06
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ކޮމްޕެނީގެ ޗެއާމަނަކަށް އަލާއު އަލީ ހަމަޖައްސައިފި އެވެ.
އެކުންފުނީގެ ބޯޑުން، އަލާއު އެމަގާމަށް ހަމަޖެއްސެވީ މީގެ ކުރިން އެމަގާމުގައި ހުންނެވި، މުހައްމަދު މާނިހު އަހުމަދު އެމަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން މިމަހުގެ ފަސް ވަނަ ދުވަހު ބޭއްވި އެކުންފުނީގެ ބޯޑު މީޓިންގަ އެވެ.
އަލާއު ވިދާޅުވީ ކުރިއަށް އޮތް މުއްދަތުގައި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީ (އެމްއެސްޑީ)އާއި ސީއެމްޑީއޭ އަދި އެހެނިހެން ސަރުކާރުގެ މުޢައްސަސާތަކާ ގުޅިގެން އެދެވިގެންވާ ގޮތެއްގައި މަސައްކަތްތަކެއް ކުރެވި، ފަހި މުސްތަޤުބަލަކާ އެކު އުސްމިންތަކަކަށް ވާޞިލުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"ކުރީގެ ޗެއާމަން ޑިރެކްޓަރުންގެ ބޯޑުގައި ބައިވެރިވެވަޑައިގަނެ، ކުރިއަށް ދިޔުމުގައި ލިބިވަޑައިގެންފައިވާ ތަޖުރިބާއާއި އިރުޝާދު މެދުނުކެނޑި ލިބިގެންދާނެކަން، އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އަލާއު ވިދާޅުވި އެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ކޮމްޕެނީ އާއި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީ އަކީ އެއް ބޯޑެއްގެ ދަށުން ހިންގާ ދެ ކުންފުންޏެކެވެ. އެހެން ކަމުން މި ދެކުންފުނީގެ ޗެއާމަންކަން ވެސް އަލާއު އަށް ވަނީ ލިބިފަ އެވެ.
އެ މަގާމުގައި ކުރިން ހުންނެވި މާނިހު ވިދާޅުވީ އަލާއު އަކީ އެމަގާމަށް ގާބިލު އަދި ކުޅަދާނަ ބޭފުޅެއް ކަމަށެވެ.
"އަލާއު އަލީ އަކީ އަޅުގަނޑުގެ ކޮލީގެއް އަދި ރަޚްމަތްތެރިއެއް. އަދި އެބޭފުޅާއަކީ، ކަންކަން ރޭވުމާއި މުޢާމަލާތްކުރެއްވުމުގައި ކުޅަދާނަ ބޭފުޅެއް. އެބޭފުޅާއަށް ލިބިވަޑައިގެންފައިވާ ތަޖްރިބާގެ އަލީގައި، އެމްއެސްއީ އަދި އެމްއެސްޑީގެ ކުރިމަގާއި ތަރައްޤީއަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ. އަދި، ޑިރެކްޓަރުންގެ ބޯޑުގެ ފުރިހަމަ އެއްބާރުލުން އަލާއުއަށް ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން އަރުވަން،" މާނިހު ވިދާޅުވި އެވެ.
މާނިހު ޗެއާމަން ކަމުން އިސްތިއުފާ ދެއްވި ކަމުގައިވި ނަމަވެސް އޭނާ ދެމިހުންނަވާނީ އެ ދެކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި އެވެ. އޭނާ ވިދާޅުވީ ޗެއާމަންގެ ހައިސިއްޔަތުން ބޯޑުގައި ހިމެނިވަޑައިނުގެންނެވި ނަމަވެސް ކެޕިޓަލް މާކެޓްގެ ތަރައްގީއަށް ޓަކައި، ބްރޯކަރޭޖް ކުންފުންޏެއް ފަށަން ގަސްދުކުރާ ކަމަށެވެ.