ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގުން އެންމެ ފަހުން ހަވާލުކުރި ފަރާތަކީ އަހްމަދު ޠާރިޤު (ޓޮމް)އެވެ. އެހެންނަމަވެސް އެފްއޭއެމްގެ ރައީސްކަމަށް ޓޮމް ހޮވުނުތާ ގާތްގަނޑަކަށް ފަސްމަސް ދުވަސް ވީތަނާ، އޭނާގެ އިތުބާރު ނެތްކަމަށް ބުނެ، އެފްއޭއެމްގެ އެކްސްކޯގައި ހިމެނޭ ފަސްމެންބަރަކުވަނީ މަގާމުން އިސްތިއުފާދެއްވައިފައެވެ. އެއާއެކު، މިވަނީ އަނެއްކާވެސް އެފްއޭއެމްގެ އިންތިޚާބެއްބާއްވަން މަޖުބޫރުވެ، އެ އިންތިޚާބަށް ކުރިމަތިލީ ފަރާތްތަކާއި އިންތިޚާބު ބާއްވާނޭ ދުވަހެއްވެސް ކަނޑައަޅައިފައެވެ.

އެފްއޭމްގެ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާޅި ފުރުސަތު ހަމަވީ މި މަހުގެ 16 ވަނަ ދުވަހުއެވެ. މުއްދަތު ހަމަވިއިރު އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ދެ ޓީމެކެވެ. އެއީ އަހްމަދު ޠާރިގާއި އޭނާގެ ޓީމު އަދި، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، ބައްސާމް އަދީލް ޖަލީލާއި އޭނާގެ ޓީމެވެ.

އިންތިޚާބު ބާއްވާނޭ ދުވަހެއް ކަމަށް ކަނޑައަޅާފައި ވަނީ، އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހެވެ. އިންތިޚާބު އިންތިޒާމްކުރުމުގައި އެންމެ އިސްކޮށް ހުންނަވާނީ ބައްސާމެވެ.

އެފްއޭއެމްގެ އެންމެ ފަހުގެ ރައީސް އަހްމަދު ޠާރީޤު (ކ) އަދި އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް (ވ) -- ސަން ފައިލް ފޮޓޯ

އިންތިޚާބު ބާއްވަން މަސްދުވަހަށް ވެފައިވާއިރު، ރައީސްކަމަށް ވާދަކުރާ ދެ ކެންޑިޑޭޓުންގެ ވާދަވެރިކަންވެސް ދަނީ ފެންނަމުންނެވެ. މިފަހަރު އިންތިޚާބުގައި ޓޮމްއާ ވާދަކުރައްވަނީ، ޓޮމްގެ ރައީސްކަމުގައި، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަމުން ދުރުކުރި ބައްސާމެވެ. އަދި އިންތިޚާބުގެ ހުރިހާކަމެއް އިންތިޒާމުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ، ޓޮމްގެ އެ ނިންމުން ބާތިލުކޮށް، ފީފާއިން އޭނާގެ މަގާމު އަނބުރާ ރައްދުކޮށްފައި ހުންނެވި ބައްސާމެވެ.

ޓޮމް ވިދާޅުވަނީ ކީކޭ؟

ސަން ސްޕޯޓްސްއާ މައުލޫމާތު ހިއްސާކުރެއްވި ޓޮމް ވިދާޅުވީ، އޭނާއަށް މިވަގުތު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އިންތިޚާބުގައި ވޯޓުދިނުމުގެ ޝަރުތު ފުރިހަމަވާ ކްލަބުތަކުގެ މެޖޯރިޓީ ދާއީދު އޭނާއަށް އޮތުމެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑަށް އެބައޮތް ގިނަ ކްލަބުތަކެއްގެ ތާއީދު. ގާތްގަނޑަކަށް 21 ކްލަބުގެ ފުރިހަމަ ތާއީދު އެބައޮތް. އެއީ މިވަގުތު އަޅުގަނޑަށް އެންމެ މުހިއްމު އެއްޗަކީ،" ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން އަންނަ ޓޮމް ވިދާޅުވިއެވެ.

ދިވެހި ފުޓްބޯޅައިގައި ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށްފަހު، ގައުމީ ފުޓްބޯޅަ ޓީމު ހޯދި އެންމެ ފަހުރުވެރި ކާމިޔާބީއާއި އަދި އެޓީމުން ތަޖްރިބާކުރި ހިތްދަތި ދުވަސްތައްވެސް ތަޖްރިބާކޮށްފައިވާ ޓޮމް އެފްއޭއެމްގެ ހިންގުމުގެ ދާއިރާއަށް ކުރިމަތިލެއްވީ އޭނާ ވިދާޅުވާގޮތުން ނަމަ، ދިވެހިފުޓްބޯޅައަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ހައްލު ދެނެގަތުމަށެވެ. އަދި އެކަންކަން ރަނގަޅުކުރުމަށެވެ.

"އަޅުގަނޑު ވާނީ، ގައުމީ ޓީމުގެ 'ވިނިންގ ސްޕިރިޓް' އިތުރުކޮށްދީފައި. އެގޮތުން ބަނގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން 5-0 ލަނޑުން މޮޅުވުމާއި، ލާއޯސްއާ ދެކޮޅަށް ކުޅުނު މެޗުން، 4-0 ލަނޑުން ގައުމީ ޓީމު މޮޅުވިކަން ފާހަގަކޮށްލަން،" ޓޮމް ވިދާޅުވިއެވެ.

"ކުޅުންތެރީންގެ އިތުބާރު ހޯދުމަށްވެސް އަޅުގަނޑު ވާނީ ގިނަ މަސައްކަތްތަކެއް ކޮށްފައި، އެގޮތުން ނުދީ ހުރި ބޯނަސް ފައިސާ ދޭންފަށާފައި ވާނީ."

މެއި 31، 2016: އެފްއޭއެމްގެ ރައީސް ކަމުގެ މަގާމަށް މުހައްމަދު ތާރިގު (ޓޮމް) އިންތިހާބުވުމަށްފަހު ފުރަތަމަ ފަހަރަށް ގައުމީ ޓީމާ ބައްދަލު ކުރެއްވުން -- ސަން ފައިލް ފޮޓޯ

މީގެ އިތުރުން ވެސް ޓޮމްވަނީ، އޭނާއާއެކު މިދިޔަ މޭމަހު، އެފްއޭއެމްގެ އެކްސްކޯއަށް ހޮވުނު، މެންބަރުންނާއެކު ދިވެހި ފުޓްބޯޅަ އާއިލާ އެއްތައްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ބައްސާމުވެސް ހިމެނެއެވެ. އެގޮތުން، ޓޮމް އާރުކާޓީއެއްގެ ގޮތުގައި ހުރެ، 2008 ވަނަ އަހަރު ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމުގައި ހިމެނޭ ކުޅުންތެރީން އެއްތަންކޮށް، ގައުމީޓީމާއެކު މެޗެއް ކުޅުވުމާއި، އެ މެޗަށް، ބާސެލޯނާގެ ކުރީގެ ތަރި ޒަވީ ހެނާންޑޭޒާއި އާޖެންޓީނާގެ ކުރީގެ ތަރި އަޔާލާ ރާއްޖެގެނެސް ދިވެހި ފުޓްބޯޅަ އާއިލާއަށް ފުޓްބޯޅައިގެ އީދެއް ގެނެސްދިނެވެ.

ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ހަރުދަނާކުރުމަށް ޓޮމް ވަނީ، ކުޅިވަރާއި ސައިންސްގެ ދާއިރާއިން ޑެންމާކްގެ ޔުނިވަސިޓީ އޮފް ކޯޕަންހޭގަން އިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ޕްރޮފެސަރު ޖެންސް ބެންގްސްބޯ ރާއްޖެ ގެނެސް ދިރާސާތަކެއް ކޮށްފައެވެ.

ތައުލީމީ ނިޒާމުގެ ތެރެއިން ފުޓްބޯޅަ ތަރައްގީކުރެވޭނޭ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަންވެސް ޓޮމް ފާހަގަކުރެއްވިއެވެ.

ބައްސާމު ވިދާޅުވަނީ ކީކޭ؟

ބައްސާމަކީވެސް ދިވެހި ފުޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކުރައްވައި، ފުޓްބޯޅަ އާއިލާގެ ގިނަބައެއްގެ އިހްތިރާމާއި ލޯބި ހޯދާފައިވާ ބޭފުޅެކެވެ. އިލްހާމް އަހްމަދު އެފްއޭއެމްގެ ރައީސްކަމުން ދުރުކޮށް ފީފާއިން އެކުލަވައިލި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް އޭރުހުންނެވި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދުގެ ފަރާތުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަމަށް އައްޔަނުކުރީ ބައްސާމެވެ.

މެއި 31، 2016: އެފްއޭއެމްގެ ޖެނެރަލް ސެރެޓަރީ ބައްސާމް އަދީލް ޖަލީލު، ޓޮމްއާއެކު ގައުމީ ޓީމުގެ ކުޅުންތެރީންނަށް ބައްދަލުކުރައްވަނީ -- ސަން ފައިލް ފޮޓޯ

އޭގެ ކުރީންވެސް ފުޓްބޯޅައަށް ޚިދުމަތްކުރަމުން އައި ބައްސާމު ވަނީ، އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ކޮށްފައިވާ ގިނަ މަސައްކަތްތަކެއްގައި އަމަލީގޮތުން ބައިވެރިވެފައެވެ. ހަމަ އެހެންމެ ޝަވީދު ޗެއާމަންކަމުން ވަކިވުމުން، ފަހުން ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންކަންވެސް ކުރެއްވީ ބައްސާމެވެ. އަދި މިހާރުވެސް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ ޒިންމާ އަދާކުރައްވަމުން ގެންދަވަނީ ބައްސާމެވެ.

"އިންތިޚާބާބެހޭ ގޮތުން އެއްޗެކޭ ބުނާނީ، އިލެކްޓޯރަލް ކޮމިޓީން ކެންޑިޑަސީ އެޕްރޫވްކުރީމަ،" ބައްސާމް ވިދާޅުވިއެވެ.

އިންތިޚާބުގެ ތައްޔާރީތައް

އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާގޮތުގެ މަތީން، އަދި ފީފާގެ އިރުޝާދާވެސް އެކު އެ އެސޯސިއޭޝަނުން ވަނީ ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އިންތިޚާބީ ކޮމިޓީއެއް އެކުލަވާލައި، އިންތިޚާބުގެ ހުރިހާ މަސައްކަތެއް އެ ކޮމިޓީއާ ހަވާލުކޮށްފައެވެ.

އިންތިޚާބާބެހޭ ކޮމިޓީއަށް ނަގާފައި ވަނީ، އަފްސަލް ސައީދު، މުހައްމަދު ފާއިޒު، އަދި މުހައްމަދު ދާއޫދެވެ.

"އިންތިޚާބުގެ ހުރިހާ ކަމެއް ކޮމެޓީގެ ބެލުމުގެ ދަށުން މިހާރު ކުރިއަށް ދަނީ. ކެނޑިޑޭޓުންގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. ވަރަށް އަހަވަށް އެބޭފުޅުން އެ މައުލޫމާތު ހިއްސާކުރައްވާނެ،" އެފްއޭއެމްގެ ސީނިއާ އޮފިޝަލެއް ކަމަށްވާ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވިއެވެ.

އެފްއޭއެމްގެ އިންތިޚާބުގައި ޖުމުލަ 24 ވޯޓު ދެވޭނެއެވެ. އެއީ ފުރަތަމަ ޑިވިޝަންގައި ހިމެނޭ އަށް ޓީމުގެ ތެރެއިން ކޮންމެ ޓީމަކަށް ދެ ވޯޓް (ޖުމުލަ 16 ވޯޓް) އަދި ދެވަނަ ޑިވިޝަންގެ ހަތް ޓީމަކަށް ކޮންމެ ޓީމަކުން އެއްވޯޓު، އަދި ތިންވަނަ ޑިވިޝަންގެ އެއްޓީމަކަށް ދެވޭ ވޯޓާއެކު ޖުމުލަ 24 ވޯޓެވެ.