އަންނަ އަހަރު އޮންނަ އޭއެފްސީ ޗެލެންޖް ކަޕް ރާއްޖޭގައި ބާއްވަން އޭއެފްސީން ނިންމާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް އެފްއޭއެމްގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ދާދިފަހުން ޒިޔުރިކްގައި އޮތް ފީފާގެ ވެރިޔަކު ހޮވި ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް ފަހު މާލެ ވަޑައިގެން ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް މިއަދު ވިދާޅުވީ އިންޑިޔާ އާއި ނޭޕާލުންވެސް ރަނގަޅު ޕްރޮޕޯޝަލެއް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް ރާއްޖޭގެ ކޮޅަށް ބިޑް ކާމިޔާބުވުން ވަރަށް ކައިރި ކަމަށެވެ.

"ވަރަށް ބޮޑު އުންމީދެއްގައި މިތިބީ. ޗެލެންޖް ކަޕް ބާއްވަން އޭއެފްސީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ގަލޮޅު ދަނޑާއި އައްޑޫ ސްޓޭޑިއަމް ވެސް ފެއްތުމުގެ މަސައްކަތް މިހާރު އެދަނީ ވަރަށް ބާރަށް ކުރިޔަށް. މިހުރިހާ ކަމެއް ނިމި ޗެލެންޖް ކަޕް ބޭއްވުމުގެ ހުރިހާ ޝަރުތެއް ރާއްޖެ ފުރިހަމަ ކުރާނެ،" އާޒިމު ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ޗެލެންޖް ކަޕްގެ ބިޑް ކާމިޔާބު ކުރެވޭތޯ ރާއްޖެއިން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނައިރު މިމުބާރާތް ހޯސްޓް ކުރުމަށް ކުރިމަތިލާފައިވާ އަނެއް ދެގައުމު ކަމަށްވާ ފަލަސްތީނާއި ނޭޕާލުންވެސް ވަރަށް ގަދައަށް މަސައްކަތް ކުރަމުންދާކަން އެނގިފައިވާ ކަމަށެވެ.

ޗެލެންޖް ކަޕް ރާއްޖޭގައި ބާއްވަން ބޭނުންނަމަ ރާއްޖެ އިން އެންމެ ބޮޑު ކަމަކަށް ކުރަން ޖެހުނު ކަމަކީ އައްޑޫގައި ހުންނަ ޒޯން ސްޓޭޑިއަމް މިފަދަ މުބާރާތެއް ބާއްވާނެ ފެންވަރަށް ތަރައްގީ ކުރުމެވެ. އޭއެފްސީން ކަނޑައަޅާފައިވާ މިންގަނޑުގައި މަދުވެގެން ދެސްޓޭޑިއަމް ވަކިފެންވަރަކަށް ހުންނަން ޖެހެ އެވެ. މިމުބާރާތަށް ރާއްޖެއިން ބިޑް ހުށަހެޅިއިރު ރާއްޖޭގައި އެފެންވަރުގެ ހުރީ އެންމެ ސްޓޭޑިއަމެކެވެ. އެއީ ގަލޮޅު ދަނޑެވެ.