ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް، ސ. ހުޅުދޫ ފެންފިޔާޒުވިލާ އައްބާސް ވާފިރު އިސްތިއުނާފު ކުރީ ރައީސް މައުމޫންއަބްދުލް ގައްޔޫމްގެ ހައްގުތައް ގެއްލުވައިލުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން ބުނެ، ތުހުމަތުކޮށްފި އެވެ.

ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިވިލް ކޯޓުގެ އެ ނިންމުން އެ ޕާޓީން އިސްތިއުނާފު ކުރުމަށާއި އަދި އެ މައްސަލައަކީ އެ ޕާޓީގެ ރައީސްގެ މަސްލަހަތު އޮތް މައްސަލައެއް ކަމަށް ވުމުން އެޕާޓީގެ ރައީސް މައުމޫން އެ މައްސަލަ އިސްތިއުނާފު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންގެ ތެރެއިން، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުގެ ގާތް ބޭފުޅަކު މެދުވެރިކޮށް ސިވިލްކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.

"މިކަން މިގޮތަށް ކުރުމުގެ ބޭނުމެއް ކަމަށް މިއޮފީހަށް ބުރަވެވެނީ ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފް ކުރުމުގެ ޙަގީގީ ފުރުޞަތު އޮތް ފަރާތް ކަމަށްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި އެ ޕާޓީގެ ރައީސް ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމަށް އިސްތިއުނާފް ކުރެއްވުމުގެ ޙައްޤު އަދި ފުރުސަތު ގެއްލުވާލުމެވެ،" ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.

އެ ތުހުމަތުތަކާ ގުޅޭ ގޮތުން އައްބާސް ވާފިރުގެ ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވީ ރައީސް ނަޝީދުގެ އޮފީހަށް ކޮންމެ ގޮތަކަށް ވެސް އެއްޗެއް ހީވެދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލާގައި މަސްލަހަތު އޮތް އެއްވެސް ފަރާތަކަށް އިސްތިއުނާފުގެ ހައްގު ގެއްލިފައިނުވާ ކަމަށެވެ. އަދި ހައި ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަން އެންމެ ގިނަ ވަގުތާއި ފުރުސަތު ލިބުނީ ރައީސް މައުމޫންގެ ފަރާތުން ވަޑައިގެންނެވި ޓީމަށް ކަމަށް އޭނާ ވިދާޅުވި އެވެ.