އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގައި އަންނަ މަހު ފަށާ، ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ ކަމުގައިވާ ވޯލްޑް ޓްރެވަލް މާކެޓުގައި ބައިވެރިވާނެކަމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ބުނެފިއެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި، ވޯލްޑް ޓްރެވަލް މާކެޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ޕާޓްނަރުންނާ އެކު އެ ކޯޕަރޭޝަނުން ވަނީ ބައްދަލުކޮށް، އެ މައުރަޒާ ގުޅޭ ތަފްސީލީ މައުލޫމާތު ހިއްސާ ކޮށްފައެވެ.

އެ ކޯޕަރޭޝަނުން ބުނީ އަންނަ މަހުގެ ހަތަކުން ނުވައަކަށް ލަންޑަނުގައި ކުރިޔަށްދާ ވޯލްޑް ޓްރެވަލް މާކެޓުގައި ރާއްޖޭގެ 66 ކުންފުންޏަކުން 168 މަންދޫބުން ބައިވެރިވާނެ ކަމަށެވެ. ރާއްޖޭގެ ޑެލެގޭޝަންގެ އިސްވެރިއަކަށް ހުންނަވާނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

މި މާކެޓުގައި ރާއްޖެ ތަމްސީލުކުރުމަށް ލިބިފައިވަނީ، އޭޝިއާ ޕެސިފިކާއި އިންޑިއާ ހިމެނޭ ގޮތަށް އެތެރެވަރީގެ ގައުމުތަކަށް ޚާއްސަކޮށްފައިވާ މާލަމުގައި، 276 އަކަމީޓަރުގެ ސަރަހައްދެކެވެ.

މިއަހަރު ބާއްވާ ވޯލްޑް ޓްރެވަލް މާކެޓަކީ އެ މާކެޓުގެ 37 ވަނަ މައުރަޒެވެ. ވޯލްޑް ޓްރެވަލް މާކެޓުގައި 182 ގައުމަކުން 50،000 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވާ އިރު، ފަތުރުވެރިކަމުގެ ދާއިރާގައި 2.5 ބިލިޔަން ޕައުންޑުގެ ވިޔަފާރި މުއާމަލާތްތަކަށް މި މައުރަޒުގެ ސަބަބުން މަގު ފަހިކޮށްދެއެވެ.

މީގެ އިތުރުން ވޯލްޑް ޓްރެވަލް މާކެޓުގެ ތެރެއިން އެކިއެކި ކޮންފަރެންސްތަކާއި ސެމިނާތައް ހިނގާނެއެވެ. އެގޮތުން މާކެޓުގެ ހަވާސާގައި މިފަދަ، 80 އަށް ވުރެ ގިނަ ހަރަކާތް ހިނގާނެ ކަމަށް ބެލެވެއެވެ.

އިނގިރޭސި ވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމެވެ. މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް އެގައުމުން 68،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ އިރު، އެއީ ރާއްޖޭގެ މާކެޓުގެ 8.1 ޕަސަންޓެވެ.

މި މަހުގެ ތެރޭގައި ރާއްޖެއަށް އެއް މިލިޔަން ފަތުރުވެރިން އައިސްފައި ވެއެވެ. ރާއްޖެއިން މިއަހަރަށް ކަނޑައެޅި އަމާޒަކީ 1.5 ފަތުރުވެރިންނެވެ. ނަމަވެސް އެ އަމާޒު ފަހުން ވަނީ 1.4 އަށް ދަށް ކޮށްފައެވެ.