އަމީނިއްޔާ ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އައިމިނަތު އިބާނާ ޝާހިދު ހޮވައިފި އެވެ.

މިދިޔަ އަހަރު އަމީނިއްޔާ ސްކޫލުގެ ކެޕްޓަންގެ މަގާމު އަދާކުރި އަދި މިހާރު ސީއެޗްއެސްސީގައި މަތީ ސާނަވީ ހަދަމުންދާ އިބާނާ ވަނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން އޭ ހޯދައިގެން ގައުމީ ގަދަ 10ގެ އެއްވަނަ ހޯދައިފ އެވެ.

ލަބާނާއަށް އިނާމު ހަވާލުކޮށްދެއްވީ ރޭ ދަރުބާރުގޭގައި ބޭއްވި އަމީނިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަދި ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމް ވެސް އަދާކުރެއްވި އަހުމަދު ޝަރީފެވެ.

އަމީނިއްޔާ ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން ދެ ވަނަ އަށް އެންމެ މޮޅު ދަރިވަރަކީ އޯ ލެވެލް އިން ގައުމީ ގަދަ 10 އިން އެއް ވަނަ ހޯދި، އައިޝަތު ނާޒިޔާ ނިޔާޒަށެވެ. އަދި ތިން ވަނަ ލިބުނީ ނަފްހާ ނަސްރުﷲ އަށެވެ. އޭނާ އަކީ އަމީނިއްޔާ ސްކޫލުގެ މިދިޔަ އަހަރު ޑެޕިއުޓީ ކެޕްޓަން އެވެ.

އަމީނިއްޔާ ސްކޫލުން މިދިޔަ އަހަރު 183 ދަރިވަރުން އޯލެވެލް އިމްތިހާނުގައި ބައިވެރިވި އިރު، އޭގެ ތެރެއިން 66 ދަރިވަރުން ވަނީ ގައުމީ ގަދަ 10 ގައި ހިމެނިފަ އެވެ. އަދި ދުނިޔޭގެ ގަދަ 10ގައި އެ ސްކޫލުގެ ނުވަ ދަރިވަރަކު ވަނީ ހިމެނިފަ އެވެ.

އަންހެން ދަރިވަރުންނަށް ހާއްސަ ސެކަންޑަރީ ސްކޫލެއްގެ ގޮތުގައި 1944 ވަނަ އަހަރު ހުޅުވި އަމީނިއްޔާ ސްކޫލަކީ މިހާރު ޕްރައިމަރީ އަށް ވެސް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ.

އެގޮތުން 2011 ވަނަ އަހަރު އެ ސްކޫލުގައި ގްރޭޑް އެކެއް ތައާރަފްކޮށް މިހާރު ގްރޭޑް ހައަކާ ހަމައަށް ކިޔަވައިދެމުންދާ އިރު، އެ ސްކޫލުގައި މިދިޔަ އަހަރު 1400 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތައުލީމް ހާސިލްކޮށްފަ އެވެ.