23 Oct 2016, 12:53
ކޮންމެ އަހަރަކު ވެސް ދެމުން އަންނަ ޒުވާނުންގެ ގައުމީ އިނާމަށް މިއަހަރު ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކަށް ކުރިމަތި ލުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.
މީގެ ކުރިން އެ އިނާމަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު މުއްދަތު އިތުރުކޮށްފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި އިނާމަކީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރުދިނުމުގެ ގޮތުން ކޮންމެ އަހަރަކު ދެމުން އަންނަ އިނާމެކެވެ.
އެގޮތުން މިއަހަރު ޒުވާނުންގެ ގައުމީ އިނާމު ދިނުމަށް ހަމަޖައްސާފައި ވަނީ ތަފާތު 10 ދާއިރާއަކުންނެވެ. އެއީ ދުޅަހެޔޮ އާއިލާއެއް ބިނާކުރުމުގެ ދާއިރާ، ދުންފަތުގެ އިސްތިއުމާލުކުރުމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާ، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ ދާއިރާއާއި ދަރުމަވެރިންގެ ދާއިރާގެ އިތުރުން ކުޅިވަރަށް ޚިދުމަތްކުރުމުގެ ދާއިރާއިންނެވެ.
އަދި މީގެ އިތުރުން ކުށްމަދުކުރަން މަސައްކަތްކުރުމުގެ ދާއިރާއާއި ވޮކޭޝަނަލް ޓްރެއިނިން ދަސްކޮށްދިނުމުގެ ދާއިރާ އާއި އާޓް އެންޑް ކަލްޗާގެ ދާއިރާއާއި ވިޔަފާރި އަދި އިގްތިސޯދުގެ ދާއިރާގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާ އިން ވެސް މިއަހަރު ޒުވާނުންގެ ގައުމީ އިނާމު ދިނުމަށް ހަމަޖައްސާފައިވެ އެވެ.
ޔޫތް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޒުވާނުންގެ ގައުމީ އިނާމުގެ އިތުރުން އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީފިލާ ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
ޒުވާނުންގެ އިނާމް ލިބޭ ކޮންމެ ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ އެވޯޑަކާއި 25000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.
އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވާ ޚާއްސަ ހަފްލާއެއްގައި ދިނުމަށް ހަމަޖައްސާފައިވާ މި އިނާމަށް، އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ކޮންމެ ޒުވާނަކަށް ވެސް ކުރިމަތިލެވޭނެ އެވެ.