23 Oct 2016, 13:21
ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފުގެ ފުރަތަމަ މަރުހަލާގެ ހުކުމް މިއަދު އިއްވަން ހައިކޯޓުން ނިންމައިފި އެވެ.
ހައިކޯޓުގައި މިއަދު މެންދުރު ފަހު 3:45 އަށް ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ތާވަލްކޮށްފަ އެވެ. އެންމެފަހުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން އިއުލާންކޮށްފައި ވަނީ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
މިއަދު މެންދުރުގެ ވަގުތެއްގައި ވަނީ އެ މައްސަލައިގެ ބަޔާންތަކުގައި ސޮއިކުރަން ފަށައިފަ އެވެ. އެގޮތުން ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް ވަނީ ހައިކޯޓަށް ވަޑައިގެން ބަޔާނުގައި ސޮއިކުރައްވައިފަ އެވެ.
ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށްދިނުމަށް އެދި ހައިކޯޓުގައި މަައްސަލަ އިސްތިއުނާފު ކުރީ ޕީޕީއެމްގެ އާންމު މެމްބަރު ސ. ހުޅުދޫ ފެންފިޔާޒު ވިލާ، އައްބާސް ވާފިރު އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ރިއާޔަތްކޮށް މައްސަލަ ނިންމައި ދިނުމަށް އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވަނީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އެދިވަޑައިގެންފަ އެވެ.
"ގާނޫނު އަސާސީގެ ދަށުން އެމީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަ ވެގެންވާ މީހެއްކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަ ކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ހައްގަކަށް ވާތީ ހަމަހަމަ ކަމާ އިންސާފުވެރިކަމާ އެކު މި ދެ މައްސަލަ ނިންމަވާދެއްވުމަށް ރައީސް މައުމޫނު އެދިވަޑައިގަންނަވާ" ޔުމްނާ މައުމޫނު ވިދާޅުވި އެވެ.
ރައީސް މައުމޫނުގެ ފަރާތުން ވަކީލު އަހުމަދު މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުންތައް އަސާސީ ގަވާއިދާ އެއްގޮތަށް ބާއްވަމުންދާ ކަމަށާއި ނުބާއްވައިގެން ޝަކުވާއެއް ހުށަހަޅާފައިވަނީ ވެސް އެންމެ ފަހަރަކު ކަމަށެވެ.
ޝަރީއަތުން ކުރި ސުވާލުތަކަށް ޖަވާބުދެމުން މުއިއްޒު ވިދާޅުވީ އަބްދުއްރަހީމް އަބްދުﷲ އަކީ ޕާޓީގެ ނައިބު ރައީސް ނޫން ކަމަށެވެ. އަބްދުއްރަހީމް ޕާޓީގެ ކައުންސިލަށް އައްޔަން ކުރެއްވީ ރައީސް މައުމޫނު ކަމަށާއި ކައުންސިލުން އަބްދުއްރަހީމް ވަކިކުރެއްވުމާ ގުޅިގެން ނައިބު ރައީސްކަން ވެސް ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މައުމޫނުގެ ފަރާތްޕުޅުން ވަކީލު ހުސްނުއްސުއޫދު ވަނީ މައުމޫނަށް އެނގުމަކާ ނުލައި އެ މައްސަލަ އިސްތިއުނާފުކޮށްފައިވުމަކީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތުކޮށްފަ އެވެ.
ނަމަވެސް އިސްފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި މީހުންގެ ތެރޭގައި އައްބާސް ވާފިރު ހިމެނޭކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެހެންކަމުން އެވާހަކަ ޝަރީއަތުގެ މަޖިލީހުގައި ނުދެއްކުމަށް ފަނޑިޔާރު ވަނީ ސުއޫދަށް އަންގަވައިފަ އެވެ.
އިސްތިއުނާފު ރައްދުވާ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ ފަރާތުން ވަކީލު އަބްދުﷲ މުއިއްޒު ވިދާޅުވީ ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލާގައި ނިންމުމަކަށް ވާންވާނީ އެއްވެސް ފަރާތެއްގެ ހައްގެއް ގެއްލޭތޯ ބަލައި އެކަން އިސްލާހު ކުރުން ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ޕީޕީއެމްގެ މުސްތަޝާރު، ރައީސް ޔަމީނާ ޕީޕީއެމް ހިންގަން ހަވާލުކުރުމަކީ އެއްވެސް ފަރާތަކަށް ގެއްލުމެއް ވާނެ ކަމެއް ނޫން ކަމަށް ވެސް އަބްދުﷲ މުއިއްޒު ވިދާޅުވި އެވެ. ޕީޕީއެމްގެ ފަރާތުން ވެސް އަދި މައްސަލަ ރައްދުވާ މެމްބަރުންގެ ފަރާތުން ވެސް އެދިލެއްވީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދު ކޮށްދިނުމަށެވެ.