09 Jun 2011, 17:30
ރާއްޖޭގައި ކުޑަކުދިން ކަމަށް ބަލާ ޢުމުރު 18 އަހަރުން 15 އަހަރަށް ދަށްނުކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުން ނިންމެވި ނިންމެވުމަށް ސަރުކާރުން މަރުޙަބާ ވިދާޅުވެއްޖެ އެވެ.
ކުޑަކުދިން ކަމަށް ބަލާ ޢުމުރު 15 އަހަރަށް ދަށްކުރުމަށް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނަށް ހުށަހެޅުނު އިޞްލާޙު ބަލައިގެންނެވުމަށް ފެނިވަޑައިނުގަންނަވާ ކަމުގައި މި ޖޫން 6 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިން ވަނީ ނިންމަވާފަ އެވެ. އެޤާނޫނަށް ހުށަހެޅުނު އިޞްލާޙު މިގޮތަށް ގެނެވިއްޖެ ނަމަ، ޢުމުރުން 15، 16 އަދި 17 އަހަރުގެ ކުދިންނަކީ، ބޮޑެތި މީހުންގެ ގޮތުގައި ބެލުމަށް ކޯޓުތަކަށާއި، ފުލުހުންނަށް ލާޒިމުވެގެންދާނެ އެވެ.
މިކަމާ ބެހޭ ގޮތުން ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރާ ހަވާލާދީ ރައީސް އޮފީހުން ބުނި ގޮތުގައި ކުޑަކުދިން، ބޮޑެތި މީހުން ބަންދުކޮށްފައި ބައިތިއްބާ ޖަލުތަކުގައި ބަންދު ކުރުމަކީ، ކުށް މަދުކުރެވޭ ކަމެއް ނޫން ކަމަށް ސްވިޑްން އާއި، އޮސްޓްރޭލިޔާ ފަދަ ތަރައްޤީވެފައިވާ ޤައުމުތަކުގެ ތަޖްރިބާއިން ފެންނަން އެބައޮތް ކަމަށާއި އޭގެބަދަލުގައި އެހެން ހެދުމުން، އެ ކުދިން ބަދަލުވެގެން މިދަނީ، މުޅި ޢުމުރު ކުށުގެ މާޙައުލުގައި ހޭދަކުރާ ބޮޑެތި ކުށްވެރިންނަށް ކަމުގަ އެވެ.
އެފަދަ ޤައުމުތަކުގައި ކުށްކުރުން މަދުކުރެވިފައި ވަނީ، ކުށްކުރާ ކުދިންނާ މެދު ޚާއްޞަ ގޮތަކަށް ޢަމަލުކޮށް، އެފަދަ ކުދިން އަނބުރާ މުޖްތަމަޢަށް ގެނައުމަށް ހިންގާ ޚާއްޞަ ޕްރޮގްރާމްތައް ހިންގައިގެން ކަމުގައި ޕްރެސް ސެކްރެޓަރީ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގައި ވެސް ކުށްކުރާ ކުދިންނަކީ، މުޖްތަމަޢަށް ފައިދާ ހުރި ބައެއްގެ ގޮތުގައި އަނބުރާ މުޖްތަމަޢަށް ގެނައުމަށް ޕްރޮގްރާމްތަކެއް ހިންގަވަމުން ގެންދަވާކަން ޒުހައިރު ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެއިތުރުން، ޖިނާއީ ޢަދުލާ ބެހޭ ވަރަށް ގިނަ ބިލުތަކެއް މިހާރު ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ކަމަށާއި، މި ބިލްތައް ފާސްވެގެން ދިޔުމަކީ، ރާއްޖޭގައި ކުށްކުރުން މަދުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމުގައި ވެސް ޕްރެސް ސެކްރެޓަރީ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.