23 Oct 2016, 12:47
ވެރިކަމުގައި ހުންނަވައިގެން ހިންގެވި ސަބްސިޑީ ސުކީމަކާ ގުޅިގެން، ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ޔިންގްލަކް ޝިނަވަތުރާ އެއް ބިލިޔަން ޑޮލަރުން ޖޫރިމަނާކޮށް، އޭނާގެ މިލްކިއްޔާތުގައިވާ ހުރިހާ މުދަލެއް ފްރީޒް ކުރުމަށް އެގައުމުގެ ކޯޓަކުން އަމުރުކޮށްފި އެވެ.
ދެހާސް އެގާރަ ވަނަ އަހަރު ތައިލެންޑްގެ ބޮޑުވަޒީރުކަމަށް އިންތިޚާބުވި ޔިންގްލަކް ވަނީ، ހަނޑޫ ހައްދާ ދަނޑުވެރިންނަށް ބޮޑު އަގު ދީފައި އެމީހުންގެ އަތުން ދައުލަތަށް ހަނޑޫ ގަންނަ ސަބްސިޑީ ސުކީމެއް ހިންގަވައިފަ އެވެ. އެއީ ޔިންގްލަކްގެ އެންމެ މައިގަނޑު އެއް ސިޔާސަތަށް ވި އިރު، އޭނާއަށް ތައިލެންޑުގައި ބޮޑު ތާއީދެއް ލިބިގެން ދިޔައީ އެ ސުކީމާ ގުޅިގެންނެވެ.
އެހެން ނަމަވެސް 2014 ވަނަ އަހަރު ތައިލެންޑުގެ އަސްކަރިއްޔާ އިން ޔިންގްލަކްގެ ސަރުކާރު ވައްޓާލި އިރު، އަސްކަރިއްޔާ އިން ގާއިމުކުރި ސަރުކާރުން ވަނީ ޔިންގްލަކް ހަނޑޫ ސަބްސިޑީ ސުކީމު ހިންގެވީ އިހުމާލުވެވަޑައިގެން ކަމަށް ބުނެ، އޭނާގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިފަ އެވެ.
ހަނޑޫ ސަބްސިޑީ ސުކީމަކީ ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު އަދި ޔިންގްލަކްގެ ދޮށީ ބޭބެ ތަކްސިން ޝިނަވަތުރާ އުފެއްދެވި ސުކީމެކެވެ. ނަމަވެސް ތަކްސިންގެ ވެރިކަން ވެސް 2006 ވަނަ އަހަރު، ބަޣާވާތަކުން ވަނީ ވައްޓާލައިފަ އެވެ.
ޔިންގްލަކްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމަކަށް ފަހު ބެންގްކޮކްގެ ކޯޓެއްގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ހަނޑޫ ސަބްސިޑީ ސުކީމުގެ ސަބަބުން ދައުލަތަށް ކޮށްފައިވާ ގެއްލުމެއްގެ ބަދަލުގައި 1.3 މިލިޔަން ޑޮލަރު ދެއްކުމަށާއި، އޭނާގެ މިލްކިއްޔާތު ހިފެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.