23 Oct 2016, 12:56
އަންނަ އަހަރުން ފެށިގެން މާލޭގައި ވެސް އެލްކޭޖީ އަދި ޔޫކޭޖީ ހިލޭ ކިޔަވައިދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
މިދިޔަ އަހަރުން ފެށިގެން އައްޑޫ ސިޓީ ފިޔަވައި އަތޮޅުތެރޭގައި ހިންގާ ސަރުކާރު ސްކޫލުތަކުން ދަނީ އެލްކޭޖީ އަދި ޔޫކޭޖީ ހިލޭ ކިޔަވައިދެމުންނެވެ. ނަމަވެސް މާލޭގައި އެތައުލީމް ކުދިންނަށް ދޭންޖެހެނީ ފީ ދައްކައިގެންނެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ސަން އަށް ވިދާޅުވީ އަންނަ އަހަރުން ފެށިގެން މާލޭ ސަރުކާރު ސްކޫލުތަކުގެ ތެރެއިން ބައެއް ސުކޫލުތަކުގައި ހިލޭ ސާބަހަށް އެލްކޭޖީ އަދި ޔޫކޭޖީ ކިޔަވައިދިނުމަށް ނިންމާފައިވާ ކަމަށެވެ.
"މާލޭގައި މިހާރު އެކަން ކުރެވޭނެ އުސޫލުތަކެއް އަޅުގަނޑުމެން ބަލާފައި، އެޕުރޮވިޝަން ދޭނީ ކޮން ސުކޫލްތަކެއްގެ ތެރެއިންތޯ މިކަން ކަނޑައަޅާފައި އޭގެ ތަފްސީލްތައް ހާމަކުރާނަން،" ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް ކިޔަވައިދޭ ސްކޫލުތަކާއި އުސޫލް އަންނަ މަހު ހާމަ ކުރާނެ ކަމަށެވެ.