23 Oct 2016, 13:01
އެމެރިކާގެ ޓެލެކޮމިއުނިކޭޝަން ކުންފުނި އޭޓީއެންޑްޓީން ކޭބަލް ކުންފުނި ޓައިމް ވާނާ، 86 ބިލިއަން ޑޮލަރަށް ގަންނަން ނިންމައިފި އެވެ.
އޭޓީއެންޑްޓީ އާއި ޓައިމް ވާނާއިން އިއްޔެ ހެދި އެއްބަސްވުމަކީ މި އަހަރު ތެރޭގައި ހެދި ދުނިޔޭގެ އެންމެ ބޮޑު ވިޔަފާރީގެ މުއާމަލާތް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. އެއެއްބަސްވުން ކުރިއަށް ގެންދަން ދެކުންފުނީގެ ރެގިއުލޭޓަރުން ހުއްދަ ދީފި ނަމަ ސީއެންއެން އާއި އެޗްބީއޯ އާއި ވާނާ ބްރޯސްގެ ކޮންޓްރޯލް އޭޓީއެންޑްޓީއަށް ލިބޭނެ އެވެ.
އޭޓީއެންޓީން ޓައިމް ވާނާ ގަންނަން އެއްބަސްވެފައި ވަނީ ހިއްސާއެއް 107.50 ޑޮލަރުގެ ރޭޓުންނެވެ. ދެކުންފުނިން ގަބޫލު ކުރާ ގޮތުގައި އެއެއްބަސްވުމުގައި ހިމެނޭ ހުރިހާ ކަންތައްތައް އަންނަ އަހަރުގެ ފަހުކޮޅާ ހަމައަށް ނިމޭނެ އެވެ.
އޭޓީއެންޑްޓީ އާއި ޓައިމް ވާނާ އިން ބުނި ގޮތުގައި އެދެކުންފުނީގެ އަމާޒަކީ ޓީވީތަކަށް އޮންލައިން ވީޑިއޯ ޕެކޭޖެއް ފޯރުކޮށްދީގެން ކޭބަލް ކުންފުނިތަކާއި ގައުމީ ފެންވަރެއްގައި ވާދަ ކުރާ ފުރަތަމަ ވަޔަލެސް ކުންފުންޏަށް ވުމެވެ.
އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ޑޮނަލްޑް ޓްރަމްޕް ވަނީ އެނާ ވެރިކަމަށް އިންތިހާބު ވެއްޖެ ނަމަ އެއެއްބަސްވުން ހުއްޓުވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އެއީ މާ މަދު ބަޔެއްގެ އަތަށް މާބޮޑު ބާރެއް ދިނުން،" ޓްރަމްޕް ވިދާޅުވި އެވެ.
މިދިޔަ އަހަރު އޭޓީއެންޓީން ވަނީ ސެޓެލައިޓު ޓީވީ ފޯރުކޮށްދޭ ޑައިރެކްޓްވީ 48.5 ބިލިއަން ޑޮލަރަށް ގަނެފަ އެވެ. (ބީބީސީ)