24 Oct 2016, 09:02
ހަތަރު އަހަރު ވަންދެން އަމިއްލަ އަންހެން ދަރިފުޅު ރޭޕްކުރި ކަމުގެ ކުށުގައި މީހެއްގެ މައްޗަށް 1503 އަހަރުގެ ޖަލު ހުކުމެއް ކެލިފޯނިއާގެ ކޯޓަކުން އިއްވައިފި އެވެ.
އުމުރުން 41 އަހަރުގެ ރެނޭ ލޯޕެޒްގެ މައްޗަށް ކެލިފޯނިއާގެ ހުޅަނގުގައި އޮންނަ ފްރެސްނޯގެ ސުޕްރީމް ކޯޓުން މިދިޔަ ހުކުރު ދުވަހު ކުރި ހުކުމަކީ، އެ ކޯޓުގެ ތާރީހުގައި ވެސް މީހަކަށް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ.
ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ބުނި ގޮތުގައި، ލޯޕެޒްގެ މައްޗަށް ޖިންސީ އަނިޔާކުރުމުގެ 186 މައްސަލައެއް މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކު ރޭޕްކުރުމުގެ މައްސަލަތަކެއް ވެސް ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ޕްރޮސިކިއުޓަރުން ބުނި ގޮތުގައި، ލޯޕެޒްގެ އަންހެން ދަރިފުޅަށް ފުރަތަމަ ޖިންސީ އަނިޔާކުރީ އޭނާގެ އާއިލީ ރަހުމަތްތެރިއެއް ކަމަށާއި ނަމަވެސް ދަރިފުޅަށް ހިމާޔަތް ދިނުމުގެ ބަދަލުގައި އެ ކުއްޖާއަށް ވެސް އޭނާ ޖިންސީ ގޮތުން އަނިޔާކުރަން ފެށި ކަމަށެވެ.
އަދި ބުނީ، 2009 ވަނަ އަހަރުގެ މޭ މަހުން ފެށިގެން 2013 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ކޮންމެ ހަފްތާއަކު ތިން ފަހަރު ލޯޕެޒްގެ އަންހެން ދަރިފުޅު ރޭޕްކޮށްފައިވާ ކަމަށެވެ.