23 Oct 2016, 13:06
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ސްރީލަންކާ އަށް 63،000 އަށް ވުރެ ގިނަ ދިވެހީން ދަތުރުކުރި ކަމަށް އެ ގައުމުގެ ފަތުރުވެރިކަމާ ބެހޭ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ސްރީލަންކާ ޓޫރިޒަމް ޑިވެލޮޕްމެންޓް އޮތޯރިޓީން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ސެޕްޓެމްބަރު މަހުގެ ތެރޭގައި ލަންކާއަށް 8،385 ފަތުރުވެރިއަކު ޒިޔާރަތް ކުރި އެވެ.
ކޮންމެ މަހަކު ވެސް ގިނަ އަދަދަކަށް ދިވެހީން ލަންކާއަށް ދަތުރުކުރާ އިރު، މި އަހަރުގެ ތެރޭގައި އެންމެ ގިނަ ދިވެހީން ލަންކާއަށް ދަތުރުކުރީ މާޗު މަހުގެ ތެރޭގަ އެވެ. އެ މަހު 9،006 ދިވެހީން ލަންކާއަށް ދިޔަ އެވެ.
އަދި، ސެޕްޓެމްބަރު މަސް ނިމުމާ ހަމައަށް ޖުމްލަ 63,890 ދިވެއްސަކު އެގައުމަށް ދިޔަ ކަމަށް އެގައުމުގެ ތަފާސް ހިސާބުތައް ދައްކަ އެވެ.
ސްރީލަންކާއަކީ ޗުއްޓީއަށާއި ސިއްހީ ފަރުވާގެ އިތުރުން ބާޒާރު ކުރުމަށް ދިވެހީން އެންމެ ގިނައިން ދަތުރުކުރާ ގައުމެވެ. އެގައުމުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ އިރު، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއިން މީގެ ކުރިން ބުނެފައިވާ ގޮތުން އެގައުމުގައި ގާތްގަނޑަކަށް 12،000 ވަރަކަށް ދިވެހީން ދިރިއުޅެމުން ގެންދެ އެވެ.
ކޮންމެ ދުވަހަކު ވެސް ސްރީލަންކާ އާއި މާލެއާ ދެމެދު ސީދާ ފްލައިޓު ދަތުރުތައް ބާއްވަމުން ގެންދާ އިރު، މިއަހަރުގެ ޑިސެމްބަރު މަސް ފެށުމާ އެކު އައްޑޫ ސިޓީގެ ގަމާއި ކޮލޮމްބޯއާ ވެސް ވައިގެ ދަތުރުފަތުރުގެ މަގުން ގުޅާލެވޭނެ އެވެ. އެހެންކަމުން ލަންކާއަށް ދާ ދިވެހީންގެ އަދަދު ކުރިޔަށް އޮތް ތަނުގައި އިތުރުވާނެ ކަމަށް ބެލެވެ އެވެ.
ސްރީލަންކާގެ ފަތުރުވެރިކަމާ ބެހޭ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ރާއްޖެއަކީ އެގައުމަށް ފަސްވަނައަށް އެންމެ ބޮޑު ފަތުރުވެރި މާކެޓެވެ.
ލަންކާގެ އެންމެ ބޮޑު މާކެޓަކީ އިންޑިއާ އެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިންޑިއާ އިން 252،165 ފަތުރުވެރިން އެގައުމަށް ޒިޔާރަތް ކުރި އިރު، ދެވަނައަށް އެންމެ ބޮޑު މާކެޓު ކަމަށްވާ ޗައިނާ އިން 213،103 ފަތުރުވެރިއަކު ޒިޔާރަތް ކުރި އެވެ.
ތިންވަނައަށް އެންމެ ބޮޑު މާކެޓު، އިނގިރޭސި ވިލާތުގެ 143،412 ޓޫރިސްޓުން ސެޕްޓެމްބަރުގެ ނިޔަލަށް ލަންކާއަށް ދިޔަ އިރު، ހަތަރުވަނައަށް އެންމެ ބޮޑު މާކެޓު ކަމުގައިވާ ފްރާންސުން ލަންކާއަށް ޒިޔާރަތް ކޮށްފައިވަނީ 76،875 ފަތުރުވެރިންނެވެ.
ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްރީލަންކާއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު 1.5 މިލިޔަން ފަހަނަ އަޅައި ގޮސްފައިވެ އެވެ.
ރާއްޖެއަށް މިދިޔަ ހަފްތާގައި އެއް މިލިޔަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ އިރު، 1.5 މިލިޔަން ފަތުރުވެރިންނަކީ ރާއްޖެއިން މިއަހަރަށް އެންމެ ފުރަތަމަ ކަނޑައެޅި އަމާޒެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ 1.4 މިލިޔަނަށް ދަށްކޮށްފަ އެވެ.