23 Oct 2016, 12:00
ނިމިފައިވާ ތަރައްގީގެ މަޝްރޫއުތަކެއް ރަސްމީކޮށް އިފްތިތާހްކޮށްދެއްވުމަށް ރައީސް އަބްދުﷲ ޔާމީން މި ހަފްތާ ތެރޭގައި ހދ. އަތޮޅާއި ށ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެހިފައިވާ ކަމަށް ބައެއް މަސްދަރުތަކުން ބުނެފި އެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި، ރައީސް އަންގާރަ ދުވަހު ފައްޓަވާ އެ ދަތުރުފުޅުގައި ހދ. ހިރިމަރަދޫ އާއި ނެއްލައިދޫގެ އިތުރުން އެ އަތޮޅު ކުރިނބީ އަށް ވަޑައިގެން އެ ރަށްރަށުގެ ބަނދަރުގެ ހުޅުއްވައިދެއްވާނެ އެވެ.
އަދި ހދ. އަތޮޅަށް ކުރައްވާ ދަތުފުޅުގެ ތެރެއިން އެ އަތޮޅު މަކުނުދޫ އަށް ވަޑައިގެން އެ ރަށުގައި ސައުދީ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތްކުރި މިސްކިތް ހުޅުއްވައިދެއްވާނެ އެވެ.
ބުދަ ދުވަހު ރައީސް ވަޑައިގަންނަވާނީ ށ. ކަނޑިތީމަށެވެ. އެ ރަށަށް ވަޑައިގަތުމަށް ފަހު މީގެ ދެ އަހަރު ކުރިން ފެށި، އެ ރަށުގެ ނަރުދަމާގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހްކޮށްދެއްވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ރައީސް ޔާމީން ހދ. އާއި ށ. އަތޮޅަށް ވަޑައިގަންނަވަން ނިންމާފައިވާއިރު، އެމަނިކުފާނު ވަނީ މީގެ ދެ ހަފްތާ ކުރިން ފުވައްމުލައް ސިޓީ އަށް ވަޑައިގަތް ފެނާއި ނަރުދަމާގެ މަޝްރޫއު އިފްތިތާހް ކޮށްދެއްވާފަ އެވެ.