23 Oct 2016, 10:47
ބޮލީވުޑްގެ އަރަމުން އަންނަ ބަތަލާ ޕަރިނީތީ ޗޯޕްޅާ، އޭނާގެ ދައްތަ އަދި ހޮލީވުޑްގައި ފިޔަޖަހަމުން އަންނަ އެކްޓްރެސް ޕްރިޔަންކާ ޗޯޕްޅާ އާއެކު މަސައްކަތް ކުރަން ބޭނުންވެފައި ހުރި ކަމަށް ބުނެފި އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޕަރިނީތީ ބުނީ، 'ކުއަންޓިކޯ' ގެ ތަރި ޕްރިޔަންކާ އާއެކު މަސައްކަތް ކޮށްލަން ބޭނުންވެފައި ހުންނަތާ ވަރަށް ދުވަސް ވެއްޖެ ކަމަށެވެ.
"އަހަރެން ވެސް މަޑުކޮށްލައިގެން މި ހުންނަނީ ޕްރިޔަންކާ އާއެކު މަސައްކަތް ކޮށްލަން ލިބޭނެ ދުވަހަކަށް،" ޕަރިނީތީ ބުންޏެވެ.
އަދި ފިލްމެއްގެ އިތުރުން ދެމީހުން އެކުގައި ލަވަ ކިޔަން ވެސް ބޭނުންވެފައި ހުރި ކަމަށް ޕަރިނީތީ ބުނެ އެވެ.
ޕަރިނީތީ ބުނީ ދެމީހުން އެކުގައި މަސައްކަތް ކުރަން ބޭނުންވެފައި ހުރި ނަމަވެސް، އެއީ ވަރަށް މޮޅު އަދި ދެމީހުންނަށް ވެސް އެއިން ބޮޑު ފައިދާއެއް ކުރާނެ މަސައްކަތަކަށް ވާން ޖެހޭނެ ކަމަށެވެ.
ޕަރިނީތީ ދެން އެންމެ އަވަހަށް ފެންނާނީ އާޔޫޝްމަން ޚުރާނާ އާއެކު، 'މޭރީ ޕިޔާރީ ބިންދޫ' އިންނެވެ. އަދި ޕަރިނީތީ މިހާރު އަންނަނީ ސުޝާންތު ސިންގ ރާޖްޕުތު އާއެކު ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.