ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "ފިޔަވަތި"ގެ ބެލުމުގެ ދަށުގައި ހުއްޓައި މިދިޔަ ހޯމަ ދުވަހު މަރުވި ފަސް މަހުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމް އަދި ވެސް ނުހެދޭ ކަމަށް ފުލުހުން ބުނެފި އެވެ.

އެކުއްޖާ މަރުވިތާ ހަފްތާއެއްވާއިރު ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ޕޯސްޓްޕޯޓަމް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެކަން ލަސްވާ ސަބަބާ ގުޅިގެން އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ޕޯސްޓްމޯޓެމް ހެދުމަށް ފުލުހުން ނިންމާފައި ވަނީ އެކުއްޖާ މަރުވެފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ކަމަށްވާތީ މަރުގެ ހަގީގަތް ދެނެގަތުމަކީ ކޮންމެހެން މުހިއްމުކަމެއްގެ ގޮތުގައި ފެންނާތީކަމަށް ފުލުހުން ބުނެ އެވެ.

މިދިޔަ ހޯމަ ދުވަހު 11:14 ކަންހާއިރު އެކުއްޖާ ނޭވާލުމުގައި ދަތިތަކެއް އުޅޭތީ ފުލުހުންނަށް ހުށައެޅުމުން އެމަޖެންސީގައި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވަނީ މަރުވެފަ އެވެ.

ކުއްޖާގެ ކުރީގެ ސިއްހީ ހާލަތާއި ކަންދިމާވިގޮތް ފަދަ މައުލޫމާތުތައް ޖެންޑާ މިނިސްޓްރީން އާންމެއްނުކުރެ އެވެ.

ހުޅުމާލޭގައި މި އަހަރު ކުރީކޮޅު ހުޅުވި ކުޑަކުދިން ބަލަހައްޓާ މަރުކަޒުގައި 10 އަހަރުން ދަށުގެ 85 ވަރަކަށް ކުދިން އުޅެ އެވެ.

ކުޑަކުދިން ހިޔާގައި ދިރިއުޅޭ ކުދިން ފިލައިގެން ދިއުމާއި 20 ފޫޓަށް ވުރެ އުސް ފާރުމައްޗަށް އަރައިގެން އުޅޭ މައްސަލަތަކެއް ވެސް ދާދިފަހަކުން ވަނީ ފެންމަތިވެފަ އެވެ. އަދި އެކަން ހުއްޓުވުމަށް ޖެންޑާ މިނިސްޓްރީން ވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ.