ބަޣުދާދު (އޮކްޓޯބަރު 23): އިރާގަށް ބަނގުރާ އެތެރެ ކުރުމާއި، ގައުމުގައި ބަނގުރާ އުފެއްދުމާއި ވިއްކުން މަނާ ކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.

އިރާގުގައި ބަނގުރާ މަނާ ކުރުމަށް ތާއިދު ކުރެއްވި މަޖިލިސް މެމްބަރުން ވަނީ އެގައުމުގައި ބަނގުރާ ލިބެން ހުރުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ބަނގުރާ މަނާ ކުރުމާ ދެކޮޅަށް ވޯޓު ދެއްވި ފަރާތްތަކުން ވަނީ އާ ގާނޫނުގެ ސަބަބުން އެގައުމުގެ ގާނޫނު އަސާސީން ލިބިދީފައިވާ ދީނީ މިނިވަންކަމުގެ ހައްގަށް ހުރަސް އެޅޭ ކަމަށް ވިދާޅުވެފަ އެވެ. އެފަރާތްތަކުން ވަނީ ގާނޫނާ ދެކޮޅަށް، ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

އިރާގުގައި ބަނގުރާ މަނާ ކުރާ ގާނޫނާ ހިލާފުވާ ފަރާތްތައް 10 މިލިއަން ދީނާރާއި 25 މިލިއަން ދީނާރާ (8،000 ޑޮލަރާއި 20،000 ޑޮލަރާ) ދެމެދުގެ އަގަކުން ޖޫރިމަނާ ކުރާނެ ކަމަށް އެގާނޫނުގައިވެ އެވެ.

އިރާގުގެ ރެސްޓޯރެންޓުތަކާއި ހޮޓެލްތަކުން އާއްމުކޮށް ބަނގުރާ ލިބެން ނުހުންނަ ނަމަވެސް އެގައުމުގެ ކުދި ފިހާރަތަކާއި ބާތަކުން ބަނގުރާ ވިއްކާކަމަށް ރިޕޯޓުތަކުގައިވެ އެވެ. (ބީބީސީ)