23 Oct 2016, 10:31
ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ މައި އިދާރާ، މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަަމަށާއި، އާއްމު ގޮތެއްގައި ވައިޖެހޭނީ ހުޅަނގުދެކުނާ ހުޅަނގުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށެވެ. އަދި އެ ވިއްސާރައިގެ ވިލާގަނޑުގައި ގަޑިއިރަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ މެޓް އޮފީހުން މައުލޫމާތުދެ އެވެ.
އެ އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށާއި، ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާއްމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާކަމަށެވެ.
މެޓް އޮފީހުން މައުލޫމާތުދޭ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ބޮޑަށް ވިއްސާރަކޮށްފައި ވަނީ މެދުތެރޭގެ އަތޮޅުތަކަށެވެ.