މެޗުގެ ކުރީކޮޅުގައި ބާސެލޯނާގެ ކެޕަޓަން އަންދްރޭ އިނިއެސްޓާގެ ކަކުލަށް ސީރިއަސް އަނިޔާއެއްވެ ބަދަލުކުރަން ޖެހުނު މެޗުގައި 3-2ގެ ނަތީޖާ އަކުން ވެލެންސިއާ އަތުން މޮޅުވެއްޖެ އެވެ.

އިނިއެސްޓާއަށް އަނިޔާވީ ރޭ ސެޕެނިޝް ލީގްގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ 14 ވަނަ މިނެޓްގައި އެންޒޯ ޕެރޭޒް ކުރި ޓެކުލެއްގެ ސަބަބުންނެވެ. ބާސެލޯނާއިން ބުނީ ޓެކުލްގެ ސަބަބުން އިނިއެސްޓާގެ ކަނާއަތު ކަކުލުގެ ލިގަމެންޓަށް އަނިޔާވަފެއިވާ ކަމަށާއި ކުޅުމުގެ ތެރެއަށް އައުމަށް ހައެއް ނުވަތަ އަށް ހަފްތާ ނަގާނެ ކަމަށެވެ.

މިސީޒަނުގައި ބާސާއަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. އެންމެ ފަހުން ޗެމްޕިއަންސް ލީގްގައި ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސާގެ ދެ ޑިފެންޑަރުން ކަމަށްވާ ޖެރާޑް ޕީކޭ އާއި ޖޯޑީ އަލްބާއަށް ވެސް ވަނީ އަނިޔާވެފަ އެވެ. އަނިޔާއިން ސަލާމަތްވެ ލައޮނަލް މެސީ ޓީމާ ގުޅުނީ ދާދި ފަހުންނެވެ.

ރޭގެ މެޗުގައި އިނިއެސްޓާއަށް އަނިޔާ ވުމަށްފަހު އަށިގަނޑުގައި އޭނާ ދަނޑުން ބާލަނީ --- ފޮޓޯ: އޭޕީ

ރޭގެ މެޗުގައި ބާސާއަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދިނީ 22 ވަނަ މިނެޓްގައި މެސީއެވެ. އޭނާ އެ ގޯލު ކާމިޔާބް ކުރީ ވެލެންސިއާގެ ޕެނަލްޓީ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ހުރެ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ވެލެންސިއާއަށް ނަތީޖާ އެއްވަރުކޮށްދިނީ ދެވަނަ ހާފްގެ 52 ވަނަ މިނެޓްގައި ބާސެލޯނާއިން ވެލެންސިއާއަށް ބަދަލުވި ޒުވާން ފޯވާޑް މުނީރު އަލް ހަދީދީ އެވެ. އޭނާ އެ ގޯލު ކާމިޔާބް ކުރީ ބާސެލޯނާގެ ޕެނަލްޓީ އޭރިއާ ރޮނގުމަތިން ފޮނުވާލި ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ.

ރޭގެ މެޗުގައި ވެލެންސިއާއަށް ފުރުތަމަ ފަހަރަށް ލީޑް ލިބިގެންދިޔައީ 56 ވަނަ މިނެޓްގައި ނަނީ ބާސެލޯނާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވައްޓާލި ބޯޅައެއް ރޮޑްރިގޯ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ބާސެލޯނާ އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ 62 ވަނަ މިނެޓްގައި ލުއިސް ސުއަރޭޒް އެވެ. އޭނާ އެ ގޯލު ކާމިޔާބް ކުރީ ބާސެލޯނާއަށް ލިބުނު ކޯނަރެއް ކުޅުންތެރިއަކު ބޮލުން ފިނުވާލުމުން ކީޕަރު ދިފާއުކުރި ބޯޅަ އެއްފަހަރާ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

އެނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް ބާސާއަށް ލީޑް ލިބިގެންދިޔައީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި އެޓީމަށް ލިބުނު ޕެނަލްޓީއެއް މެސީ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. ބާސާއަށް ޕެނަލްޓީ ލިބުނީ ވެލެންސިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމްގެ ޑިފެންޑަރެއް ސުއަރޭޒް ވައްޓާލުމުންނެވެ.

ރޭގެ މޮޅާ އެކު ބާސެލޯނާ ވަނީ ލީގްގެ އެއްވަނައަށް ޖެހިލާފަ އެވެ. ބާސެލޯނާ އެއްވަނާގައި އޮތީ ދެވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވުރެން އެއްމެޗު އިތުރަށް ކުޅެ 9 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް އެތުލެޓިކޯއަށް ލިބެނީ 18 ޕޮއިންޓެވެ. މިރޭ އެތުލެޓިކޯ ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުން ބަލި ނޫން ކޮންމެ ނަތީޖާއެއް ނިކުއިން ނަމަވެސް އެތުލެޓިކޯއަށް އަލުން ލީގްގެ އެއްވަނަ ލިބޭނެ އެވެ.