23 Oct 2016, 09:45
ޕާކިސްތާނު އެކްޓަރު ފަވާދު ޚާންގެ ރޯލެއް ހިމެނޭތީ، ރިލީޒް ނުކުރެވޭނެ ބުނި ކަރަން ޖޯހަރުގެ ފިލްމު 'އޭ ދިލް ހޭ މުޝްކިލް' އޮމާން ކަމާ އެކު ރިލީޒް ކުރުމަށް ފުރުސަތު ދޭނެ ކަމަށް މަހާރާޝްތުރަ ނަވްނިރްމަން ސޭނާ (އެމްއެންއެސް) އިން ބުނެފި އެވެ.
'އޭ ދިލް ހޭ މުޝްކިލް' ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އެމްއެންއެސް އިން ވަނީ މީގެ ކުރިން ފަވާދުގެ ރޯލު ހިމަނައިގެން ފިލްމު ރިލީޒް ނުކުރެވޭނެ ކަމަށާއި އަދި ފިލްމު ރިލީޒްކޮށްފި ނަމަ ސިނަމާތަކަށް ގެއްލުންދޭނެ ކަމަށެވެ.
ނަމަވެސް ކަރަން ޖޯހަރު އާއި، މުކޭޝް ބަޓް، ސިދްހާރްތު ރޯއި ކަޕޫރު އަދި އެމްއެންއެސްގެ ޗީފް ރާޖް ތަކެރޭއާ އެކު މަހާރާޝްތުރަ ޗީފް މިނިސްޓަރު އިއްޔެ ބޭއްވި ބައްދަލުވުމަކަށް ފަހު ނިންމާފައި ވަނީ އޮމާންކަމާ އެކު ފިލްމު ރިލީޒް ކުރުމަށް ފުރުސަތު ދިނުމަށެވެ.
މީޑިއާ އަށް މައުލޫމާތު ދެމުން މުކޭޝް ބަޓް ބުނެފައި ވަނީ ފިލްމު ފެށުމުގެ ކުރިން، އިންޑިއާގެ ސަލާމަތީ ބާރުތަކާ އެކު ވާކަން ހާމަކޮށްދޭ ލިޔުންކޮޅެއް ދައްކަން ކަރަން އެއްބަސްވެފައިވާ ކަމަށެވެ.
ހަމައެއާ އެކު ސަލާމަތީ ބާރުތަކުގެ ކަންކަން ރަނގަޅު ކުރުމަށް ހުޅުވާފައިވާ ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ. އެގޮތުން ފިލްމުގައި ޕާކިސްތާނު ފަންނާނުން ހިމެނޭ ނަމަ އެ ފަންޑަށް ފަސް ކުރޯޑު އިންޑިއަން ރުޕީޒް ހަދިޔާ ކުރަން ޖެހޭނެ ކަމަށް އެމްއެން އެސް އިން ވަނީ ބުނެފަ އެވެ.
ނަމަވެސް ކަރަން ޖޯހަރުގެ ފަރާތުން ފަންޑަށް ހަދިޔާ ކުރާނެ ފައިސާގެ މިންވަރާ މެދު އެއްބަސްވެފަ އެއް ނުވެ އެވެ.
އޭގެ އިތުރުން ކުރިއަށް އޮތް ތަނުގައި ޕާކިސްތާނު ފަންނާނުންނާ އެކު މަސައްކަތް ނުކުރާނެ ކަމަށާއި ނަމަވެސް ޕާކިސްތާނު އެކްޓަރުން ހިމަނައިގެން ކުޅެފައިވާ ފިލްމުތައް ރިލީޒް ކުރުމަށް ފުރުސަތު ދިނުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.
އޭ ދިލް ހޭ މުޝްކިލް ރިލީޒް ކުރުމާ މެދު ހިޔާލުތަފާތުވުން އުފެދުނީ ކަޝްމީރުގައި ދިން ހަމަލާއެއްގައި ބޯޑަރު ބެލެހްޓުމުގައި ހަރަކާތްތެރިވި 18 އިންޑިއާ ސިފައިން މަރުވުމާއި ގުޅިގެން، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ނުތަނަވަސްކަން ބޮޑުވުމާ ގުޅިގެންނެވެ.
ރަންބީރު ކަޕޫރު، އައިޝްވާރްޔާ ރާއި، އަނުޝްކާ ޝަރްމާ މުހިންމު ރޯލުތަކުން ފެނިގެންދާ ފިލްމު ރިލީޒް ކުރާނީ ދިވާލީ އާ ދިމާކޮށް މި މަހުގެ 28 ވަނަ ދުވަހު އެވެ.