މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް މި ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގް ކާމިޔާބުކުރެވުމުގެ އެންމެ ބޮޑު ސިއްރަކީ ޓީމެއްގެ ގޮތުގައި ހުރިހާ ފަރާތްތަކުން ކުރި ބުރަ މަސަތްކަތް ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ލީގުގެ ފަހު މެޗަށްފަހު މާޒިޔާއިން ލީގު އަށްޑަނަ އުފުލާލުމަށް ފަހު ވާހަކަ ދައްކަމުން ސުޒޭން ބުނީ، އެންމެ ބޮޑު ޝުކުރެއް އަދާކުރަން ޖެހޭނީ ޓީމްގެ މެނޭޖްމަންޓަށް ކަމަށާއި ކުޅުންތެރިންގެ ހިތްވަރަކީ ވެސް ފާހަގަކޮށްލަން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގު ފަހު މެޗަށް ފަހު މާޒިޔާގެ ބައެއް ކުޅުންތެރިންނާ މެނޭޖްމަންޓްގެ ބޭފުޅުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މީގެ އެންމެ ބޮޑު ހިތްވަރަކަށް ވެގެންދަނީ ޓީމެއްގެ ގޮތުގައި އެންމެން އެއްކޮށް ކުރި މަސަތްކަތް ކާމިޔާބުވީމަ. އޭގެ ސަބަބުން ކުރިއަށް އޮތް ދެ މުބާރާތް ކާމިޔާބު ކުރުމަށް ކުޅުންތެރިންނަށް ހިތްވަރު ލިބިގެންދާނެ،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ، މާޒިޔާގެ މެނޭޖްމަންޓަށް އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ސީޒަނުގެ ކުރީ ކޮޅުގައި ދިމާވި ގިނަ އުނދަގޫތަކަކުން އަރައިގަނެ ހިތްވަރާ އެކު މަސަތްކަތްކޮށް މެނޭޖްމަންޓުން ކުޅުންތެރިންގެ މޯޓިވޭޝަން އެއްވަރެއްގައި ހިފެހެއްޓުމަށް ކުރި މަސަތްކަތުގެ ސަބަބުން ކަމަށެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދުމަށްފަހު ލީގްގެ އައްޑަނަ އުފުލާލަނީ --- ސަންފޮޓޯ: ފަޔާޒު މޫސާ

މާޒިޔާއިން ވަނީ ކުރިއަށް ތިން މެޗުއޮށްވައި ލީގު ކަށަވަރުކޮށްފައެވެ. އެޓީމުން ލީގް ނިންމާލީ ދެވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވުރެ އިތުރަށް ފަސް ޕޮއިންޓް ހޯދައިގެން ޖުމްލަ 47 ޕޮއިންޓާ އެކުއެވެ.

ފުރަތަމަ ޑިވިޝަނުގައި 2007 ވަނަ އަހަރުން ފެށިގެން ވާދަކުރަމުން އައި މާޒިޔާ އަކީ މިހާރު ދިވެހި ފުޓްބޯޅައިގެ ގަދަ ބާރެކެވެ. މާޒިޔާ އިން މި އަހަރުގެ ސީޒަނަށް ނުކުތްއިރު އެޓީމްގެ އެންމެ ބޮޑު ޓާގެޓަކަށް ހަދާފައި އޮތީ ވެސް ލީގު ކާމިޔާބުކުރުމެވެ. އެގޮތުން ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކުރިއިރު ޖޫން ޓްރާންސްފާގައި ވަނީ ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވެސް ގެނެސްފައެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ އައްޑަން ދަގަނޑޭ ހިފައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑު މިދައްކަނީ މިސަރަހައްދުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ މާޒިޔާއަށް ކުޅެގެން ލީގު ހޯދި ވާހަކަ. އެހެންވީމަ ތަފާތު އަންނާނެ ކަމާ މެދު އެއްވެސް ޝައްކެތް ވެސް ނެތް،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ދަގަނޑޭ ޓީމާ ގުޅުމާއެކު ކުޅުންތެރިންގެ ކޮންބިނޭޝަނާއި މޯޓިވޭޝަން އިތުރަށް ވަރުގަދަ ވެގެންދިޔަ ކަމަށާއި ވަރަށް ގިނަ ޕޮސިޓިވް ކަންތައްތަކެއް ޓީމަށާއި ކުޅުންތެރިންނަށް ވެސް ލިބުނު ކަމަށެވެ.