ޑީއާރްޕީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއް ރަޝީދު ނާފިޒު މިއަދު އޭނާގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޑީއާރްޕީގެ މީޑިޔާ ކޯޑިނޭޓާ އަލީ ސޯލިހް މިއަދު ވިދާޅުވީ ނާފިޒް މަގާމުން އިސްތިއުފާދެއްވި ކަމުގެ ސިޓީ މިއަދު ހަވީރު ޑީއާރްޕީގެ އޮފީހަށް ލިބިފައި ވާކަމަށެވެ. އޭނާ ވިދާޅުވީ ނާފިޒް މަގާމުން އިސްތިއފާދެއްވީ އިދާރީ ކަންތައްތައް ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވެން ނެތުމުން ކަމަށް ސިޓީގައި ބުނެފައިވާ ކަމަށެވެ.

" މަގާމުން ވަކިވެވަޑައިގެންނެވި ނަމަވެސް ޕާޓީގެ ކަންތައްތަކުގައި އުޅުއްވާނެ. ޕާޓީން ވަކިވެ ވަޑައެއް ނުގަންނަވާ،" އަލީ ސޯލިހް ވިދާޅުވި އެވެ.

ނާފިޒްގެ ފޯނު ނިންވާލާފައި އޮތުމުން އޭނާގެ ބަހެއް ވަނީ ލިބޭ ގޮތްނުވެފަ އެވެ. ނާފިޒް ޑީއާރްޕީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ވަޑައިގަތީ އޭޕްރީލް 25، 2010 ގަ އެވެ.