23 Oct 2016, 01:08
ކްލަބް އީގަލްސް 1-2ގެ ނަތީޖާ އަކުން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން މި އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ އައްޑަނަ އުފުލާލައިފިއެވެ.
ލީގްގައި ކުރިއަށް ތިން މެޗު އޮއްވައި މާޒިޔާ އަށް ޗެމްޕިއަން ވަނީ ކަށަވަރުވެފައެވެ. މާޒިޔާއިން ލީގް ނިންމާލީ ކުޅުނު 21 މެޗުން 47 ޕޮއިންޓާއި އެކުއެވެ. ލީގްގެ ދެވަނާގައި އޮތް ޓީސީއަށް ލިބެނީ 42 ޕޮއިންޓެވެ. މިރޭގެ މެޗުން ބަލިވި އީގަލްސް އަށް ލީގްގެ ތިން ވަނަ ލިބެނީ 38 ޕޮއިންޓާއެކުއެވެ.
މިރޭގެ މެޗު ފެށިގެން 21 ވަނަ މިނެޓްގައި މާޒިޔާއަށް ލީޑް ނަގައިދިނީ އެ ޓީމްގެ ކެޕްޓަން އަސަދުﷲ އަބްދުﷲ(އަސައްކޮ) އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އީގަލްސްއަށް އެއްވަރުކޮށްދިނީ 28 ވަނަ މިނެޓްގައި މާޒިޔާގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ރިސްޓޭއެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގު ފަހު މެޗުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މާޒިޔާއަށް ދެވަނަ ފަހަރަށް ލީޑް ލިބުނީ 51 ވަނަ މިނެޓްގައި އަސައްކޮގެ ގޯލުންނެވެ. އޭނާ އެގޯލު ކާމިޔާބުކުރީ މުހައްމަދު އުމައިރު ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
މެޗުގައި މާޒިޔާގެ ލީޑް ފުޅާ ކޮށް އަސައްކޮއަށް ހެޓްރިކްއެއް ހެދުމަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރެއަށް އަލީ އަޝާފްގް(ދަގަނޑޭ) ހިފައިގެން ދިޔަ ބޯޅަ ހޯދުމަށް ކީޕަރު ސުޖަން ޕެރޭރާ އުޅުމުގެ ތެރޭގައި ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އަސައްކޮ ފޮނުވާލި ނަމަވެސް ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.
ފުރަތަމަ ޑިވިޝަނަށް 2007 ވަނަ އަހަރު ކޮލިފައިވި މާޒިޔާ އަކީ މިހާރު ދިވެހި ފުޓްބޯޅައިގެ ގަދަ ބާރެކެވެ. މާޒިޔާ އިން މި އަހަރުގެ ސީޒަނަށް ނުކުތްއިރު އެޓިމްގެ އެންމެ ބޮޑު ޓާގެޓަކަށް ހަދާފައި އޮތީ ވެސް ލީގު ކާމިޔާބުކުރުމެވެ. އެގޮތުން ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކުރިއިރު ޖޫން ޓްރާންސްފާގައި ވަނީ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވެސް ގެނެސްފަ އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފަހުމެޗަށް ފަހު މާޒިޔާގެ ކުޅުންތެރިން ޓްރޮފީއާ ހަވާލުވުމަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭނުގެ އިރުޝާދުގެ ދަށުން މާޒިޔާ ލީގު ހޯދިއިރު މިހާރު އެ ޓީމު ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ތިން މުބާރާތުގެ ތަށި ހަމަކޮށްފަ އެވެ. އެފްއޭ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައިވާއިރު މިދިޔަ އަހަރު އެ ޓީމުން ވަނީ ފުރަތަމަ ފަހަރަށް ގައުމީ ޗެމްޕިއަންކަން ވެސް ހޯދައިފި އެވެ.