ޓޯކިޔޯ (އޭޕީ) -- ދުނިޔޭގެ އެންމެ އުސް ފަރުބަދަ، ނޭޕާލުގައި ހުންނަ މައުންޓް އެވަރެސްޓަށް އެރި ފުރަތަމަ އަންހެން މީހާ، ޖަޕާނުގެ ޖުންކޯ ތަބެއި މަރުވެއްޖެ އެވެ.

ތަބެއިގެ އާއިލާއާ ހަވާލާދީ ޖަޕާންގެ މީޑިއާ ރިޕޯޓްތައް ބުނި ގޮތުގައި، އުމުރުން 77 އަހަރުގައި ތަބެއި މަރުވީ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް، ސައިތަމާގައި ހުންނަ ހޮސްޕިޓަލެއްގައެވެ.

އުސްމިނުގައި، ކަނޑުގެ ލޮނުގަނޑުން ފެށިގެން 8848 މީޓަރު (29،029 ފޫޓު) ހުންނަ މައުންޓް އެވަރެސްޓުގެ އެންމެ އުހަށް ތަބެއި އަރައި، ދުނިޔޭގެ އެންމެ އުސް ފަރުބައިގެ ކޮޅަށް އެރި ފުރަތަމަ އަންހެންމީހާގެ ޝަރަފް ތަބެއި ހޯދީ 1975 ވަނަ އަހަރެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 35 އަހަރެވެ.

އަދި 1992 ވަނަ އަހަރު އޭނާ ވަނީ ދުނިޔޭގެ ހަތް ބައްރުގައި ހުރި އެންމެ އުސް ފަރުބަދަތަކަށް އެރި ފުރަތަމަ އަންހެންމީހާގެ ޝަރަފު ވެސް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ 60 އަށްވުރެ ގިނަ ގައުމުގެ އެންމެ އުސް ފަރުބަދަތައް ފަތަހަ ކޮށްފައެވެ.

ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓާ އެންއެޗްކޭ އިން ބުނި ގޮތުގައި، މީގެ ހަތަރު އަހަރު ކުރިން ތަބެއި އަށް ބަނޑުގެ ކެންސަރު ޖެހިފައިވާކަން އިނގުނު ނަމަވެސް، ފަރުބަދަތަކަށް އެރުމުގެ މަސައްކަތް އޭނާ ހުއްޓާލާފައެއް ނުވެއެވެ.

ތަބެއި އެންމެ ފަހުން ފަރުބަދައަކަށް އަރާފައިވަނީ، މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ޖަޕާނުގައި ހުންނަ އަލިފާން ފަރުބަދައެއް ކަމަށްވާ މައުންޓް ފުޖީ އަށެވެ.