މައްކާގައި ބާއްވާ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތެއްގައި ރާއްޖޭން ބައިވެރިވާ ދެ ދަރިވަރުންނަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު މައްކާގައި ބައްދަލުކުރައްވާ ހިއްވަރު ދެއްވައިފި އެވެ.

މައްކާގައި ބާއްވާ 38 ވަނަ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގައި ރާއްޖޭން ބައިވެރިވާ ދެ ދަރިވަރުންނަކީ ސިބްއަތުﷲ އަހުމަދާއި ނާދިހު އަބްދުލްހަމީދެވެ. އޭގެ ތެރެއިން ލޯފަން ދަރިވަރެއް ކަމަށްވާ ސިބްއަތުﷲ އަކީ މުބާރާތުގައި ބައިވެރިވާ އެންމެ ހަގު ބައިވެރިއާ އެވެ.

ހިތުން ކިޔަވާ އެ މުބާރާތުގެ ކުރިން ބާއްވާ އިހުތިބާރުން މި ދެ ދަރިވަރުން ވެސް ވަނީ ފާސްވެފައެވެ. އަދި މުބާރާތުގައި ސިބްއަތުﷲ ބައިވެރިވަނީ ހިތުދަސް 15 ފޮތުންނެވެ. އަދި ނާދިހު ބައިވެރިވަނީ މުޅި ޤުރުއާން ހިތުދަސް މުޤައްރަރުގެ ބައިގައެވެ.

އެ ދެ ދަރިވަރުންނާ އިސްލާމިކް މިނިސްޓަރު ބައްދަލުކުރައްވާފައިވަނީ ވަގުފުގެ ދާއިރާގައި ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސައުދީ ސަރުކާރުން އިންތިޒާމް ކޮށްގެން މައްކާގައި ބޭއްވި "އެންޑޯވްމަންޓްސް އިސްލާމިކް ކޮންފަރެންސް"ގައި ބައިވެރިވުމަށް ސައުދީ އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގަ އެވެ.

ދަރިވަރުންނާ ބައްދަލުކުރައްވާ އިސްލާމިކް މިނިސްޓަރު ވަނީ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށާއި ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އެ ދެ ދަރިވަރުންނަށް ވެސް ހިތްވަރު ދެއްވާފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި ﷲގެ މަގުގައި ހެޔޮ ކަމަށް ހަރަދު ކުރުން ނުވަތަ ވަގުފު ކުރިއެރުވުމަށްޓަކާ ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން ސައުދީ އަރަބިއްޔާގެ ލޭބާ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓަރާ ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

އޭގެ އިތުރުން، ސައުދީގެ ލޭބާ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރާއި މައްކާ ވަގުފުގެ ރައީސާއި ޖޯޑަންގެ އިސްލާމިކް މިނިސްޓަރުގެ އިތުރުން މޮރިޓޭނިއާގެ ވަގުފު އޮފީހުގެ ރައީސްއާ ވެސް މިނިސްޓަރު ވަނީ ބައްދަލުކުރައްވާފަ އެވެ.