23 Oct 2016, 00:14
މިފްކޯ އިން ގއ. ގެމަނަފުށީ ގައި ގާއިމްކުރާ އައިސްޕްލާންޓު އިންޓޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ސަން އަށް ވިދާޅުވީ އައިސްޕްލާންޓު އިންސްޓޯލް ކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހުގެ ރޭ ފަށާފައިވާ ކަމަށެވެ. އެގޮތުން މަސްވެރިންގެ ދުވަހަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް މިފްކޯއާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ސަރުކާރުން ނިންމާފައި ވަނީ ގެމަނަފުށީގައެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ގެމަނަފުށީ ކައުންސިލާއި އެރަށު ރައްޔިތުން ގުޅިގެން އަންނަނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.
"ގެމަނަފުށީގައި ގާއިމްކުރާ އައިސްޕްލާންޓުގެ ސަބަބުން ގެމަނަފުއްޓާއި އެރަށާއި ކައިރި ރަށްރަށުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ،" ގެމަނަފުށީ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.
މިއަހަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެމަނަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެރަށުގައި އައިސްޕްލާންޓެއް ގާއިމްކުރާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވައިފައެވެ.
ގެމަނަފުށީ ދާއިރާގައި ހިމެނޭ ދެއްވަދޫގައި ވެސް މިއަހަރު ވަނީ އައިސްޕްލާންޓެއް ގާއިމްކޮށްފައެވެ.