ފާއިތުވެދިޔަ 17 އަހަރު ދުވަހުގެ މުއްދަތަކަށް ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލް ބަލަހައްޓަމުންދިޔަ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) ގައުމީ ޓީމުގެ ޖާޒީގައި ދެން ނުފެންނާނެއެވެ. އިމްރާނަކީ ހުނަރުވެރި އަދި މޮޅު ކީޕަރެއްކަން އޭނާ ދައްކުވައިދީފި އެވެ. އިމްރާންގެ ބަދަލުގައި ޒުވާން ކީޕަރުންނަށް ފުރުސަތުދީ، މޮޅެތީ ކީޕަރުންތަކެއް އުފައްދަން އެބަޖެހެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރަންވީ އިމްރާން ފަދަ މޮޅު ކީޕަރަކަށެވެ. ނުވަތަ އެފަދަ ކީޕަރުންތަކަކަށެވެ. އެކަމަށް ބޭނުންވަނީ ހަމައެކަނި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެހީތެރިކަން އެކަންޏެއް ނޫނެވެ. އެކަމަށް ކްލަބުތަކާއި ދިވެހިންގެ އެހީތެރިކަން އެބަ ބޭނުންވެ އެވެ.

އިމްރާން ރިޓަޔާ ކުރަމުން ބުނެފައިވާ ގޮތުގައި، ރާއްޖޭގައި ޒުވާން ހުނަރުވެރި ކީޕަރުންތަކެއް އެބަތިއްބެވެ. އަދި އޭނާ ރިޓަޔާކުރީ އެ ކީޕަރުންނަށް ފުރުސަތު ދިނުމުގެ ބޭނުމުގައެވެ. ނަމަވެސް ސުވާލަކީ ގައުމީ ޓީމުން އެ ޒުވާން ކީޕަރުން ފެނިދާނެތޯ އެވެ. ޒުވާން ކީޕަރުންގެ ހުނަރުތައް ފެނިގެންދާނީ އެ ކީޕަރުންނަށް ފުރުސަތުތައް ތަނަވަސްކޮށްދެވިގެންނެވެ.

އިމްރާން ރިޓަޔާކުރި އިރު، އެކަމަށް ތައްޔާރުވެވުނުތަ؟

ކީޕަރުން ތަމްރީން ކުރުމަށް އެންމެ ބޮޑަށް ބޭނުންވާނީ އެ ކީޕަރުންނަށް ރަނގަޅު ތަމްރީންތަކެއް ދިނުމެވެ. ނަމަވެސް ރާއްޖޭގައި އެންމެ ރަނގަޅު ތަމްރީންތަކެއް ކީޕަރުންނަށް ދެވިގެންދާ ތަނެއް ފެނިގެންނެއް ނުދެ އެވެ. ހަމައެކަނި ފަރިތަކުރުންތަކުގައި ބައިވެރިވެގެން އެންމެ ފުރިހަމަ ގޮތެއްގައި ރަނގަޅު ފެންވަރުގެ ކީޕަރުން އުފެއްދޭ ގޮތެއް ނުވާނެ އެވެ.

ރާއްޖޭގައި ގޯލްކީޕަރު ޓްރޭނަރުން މަދެވެ. ނަމަވެސް ގޯލްކީޕަރު ޓްރޭނަރުންގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުންދާ ގިނަ ފަރާތްތަކަކީ ޒުވާން ކީޕަރުންނަށް ތަމްރީންތަކެއް ދެވިދާނެ ފަރާތްތަކެވެ. ގޯލްކީޕަރު ޓްރޭނަރުން އެކުގައި މަސައްކަތް ކޮށްގެން ޒުވާން ކީޕަރުންނަށް ތަމްރީންތަކެއް ދޭން އެބަޖެހެ އެވެ.

އޭއެފްސީ އޭޝިއަން ކަޕް 2019ގެ ކޮލިފައިން ޕްލޭއޮފްގައި ލާއޯސްއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު މެޗުގައި ގޯލްކީޕަރު އިމްރާން މުހައްމަދު (ވ) -- ފޮޓޯ: އިމްރާން

ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކުގައި ބިދޭސީ ކީޕަރުން

ފުރަތަމަ ޑިވިޝަންގެ އަށް ކްލަބުގެ ތެރެއިން ހަތަރު ކްލަބެއް ފިޔަވައި ދެން ތިބި ކްލަބުތަކުގެ އެއް ނަންބަރު ގޯލްކީޕަރުންނަކީ ބިދޭސީ ކީޕަރުންނެވެ. އެ ހަތަރު ކްލަބުގެ ތެރޭގައި ހިމެނޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ބަދަލު ކީޕަރަކީ ބިދޭސީ ކީޕަރެކެވެ.

މާޒިޔާގެ އެއް ނަންބަރު ކީޕަރަކީ ގައުމީ ޓީމުން ރިޓަޔާކުރި އިމްރާން މުހައްމަދެވެ. އެ ޓީމުގެ ބަދަލު ކީޕަރަކީ މިދިޔަ އަހަރު މަހިބަދޫ ސްޕޯޓްސް ކްލަބުގެ ގޯލް ބެލެހެއްޓި ސްރީލަންކާގެ ގޯލްކީޕަރު މުހައްމަދު ހުސައިން މުހައްމަދު އިފާމް އެވެ.

ޓީސީ ސްޕޯޓްސް ކްލަބާއި، ކްލަބު ވެލެންސިއާ އަދި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ އެއް ނަންބަރު ކީޕަރު އަދި ބަދަލު ކީޕަރުންނަކީ ވެސް ދިވެހި ކީޕަރުންނެވެ. ޓީސީގެ ގޯލް ބަލަހައްޓަމުން ދަނީ މިހާރު ވެސް ގައުމީ ޓީމުގައި ހިމެނޭ ކީޕަރެއް ކަމަށްވާ މުހައްމަދު އިމްރާނެވެ. ސީޒަންގެ ކުރީކޮޅުގައި އެ ޓީމުން ޒުވާން ކީޕަރު އަބްދުﷲ ފަޔާޒަށް ފުރުސަތު ދިން އިރު، އޭނާގެ ހުނަރުވެރިކަން ފެނިގެންދިޔައެވެ.

ރާއްޖޭގެ ގައުމީ ޓީމު ގަތަރާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން-- ފޮޓޯ/ އޭޕީ

ވެލެންސިއާގެ އެއް ނަންބަރު ކީޕަރު ފައިސަލް އަކީ ވެސް ގަވާއިދުން ގައުމީ ޓީމުން ޖާގަ ހޯދަމުންދާ ކީޕަރެކެވެ. މި ސީޒަނުގައި ވިކްޓަރީގެ ދިވެހި ދެ ކީޕަރުންގެ ވާދަވެރިކަން ފާހަގަކޮށްލެވެ އެވެ. އިބްރާހިމް އިފްރާހް އަރީފް އާއި ތޮލާލް ހަސަން އަށް ވެސް މި ސީޒަނުގެ ލީގުގެ ގިނަ މެޗުތަކެއްގައި ގޯލު ބެލެހެއްޓުމުގެ ފުރުސަތު ލިބިފައިވެ އެވެ.

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ބީޖީ ސްޕޯޓްސް އަދި ކްލަބު އީގަލްސްގެ އެއް ނަންބަރު ކީޕަރަކީ ބިދޭސީ ކީޕަރުންނެވެ. އެ ޓީމުތަކުގެ ބަދަލު ކީޕަރުންގެ ގޮތުގައި ދިވެހި ކީޕަރުން ތިބި ނަމަވެސް، އެ ކީޕަރުންނަށް ގޯލް ބެލެހެއްޓުމަށް މިހާތަނަށް ލިބިފައިވަނީ މަދު ފުރުސަތުތަކެކެވެ.

އީގަލްސްގެ ގޯލް ބަލަހައްޓަމުން ދަނީ މިދިޔަ ސީޒަނުން ފެށިގެން އެ ޓީމުގެ ގޯލް ބަލަހައްޓަމުންދާ ލަންކާ ގައުމީ ޓީމުގެ ކީޕަރު ސުޖަން ޕެރޭރާ އެވެ. އޭނާގެ މޮޅު ކުޅުމުގެ ސަބަބުން ދާދި ފަހުން ލަންކާ ގައުމީ ޓީމުގެ ކެޕްޓަންކަމުގެ މަގާމު އޭނާ އަށް ލިބިފައިވެ އެވެ. އޭގެ އިތުރުން މި ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމަށް ހޮވުނީ ވެސް ސުޖަން އެވެ. އީގަލްސްގެ ބަދަލު ކީޕަރު މުހައްމަދު ޝަފީއު އަށް މެޗެއްގައި ގޯލް ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދިޔަ އިރު، އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ.

މި ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނު ކްލަބު އީގަލްސްގެ ލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާ: މިދިޔަ އަހަރުގެ ސީޒަނުގައި ވެސް ސުޖަން އީގަލްސްގެ ގޯލު ބަލަހައްޓާފައިވޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔޫވީގެ ކީޕަރަކީ ސީރިއާގެ މަހްމޫދު އަލް ޔޫސުފެވެ. މި ސީޒަނުގައި ޔޫވީ އަށް އޭނާ ދެއްކި މޮޅު ކުޅުމާއެކު ސީރިއާ ގައުމީ ޓީމުން ވެސް އޭނާ އަށް ފުރުސަތު ލިބިފައިވެ އެވެ. އެ ޓީމުގެ ގޯލު ބެލެހެއްޓުމަށް ބަދަލު ކީޕަރު އިބްރާހިމް ރަޝީދު އަށް ލިބިފައިވަނީ މަދު ފުރުސަތެކެވެ.

ނިއުގެ ގޯލް ބަލަހައްޓަމުންދަނީ ޖަޕާން ކީޕަރެއް ކަމަށްވާ ޔުން ކޮޗީ އެވެ. އޭނާ ނިއު އަށް ގެނެސްފައިވަނީ ހުނަރުވެރި ކުޅުމެއް ދައްކަމުންދިޔަ ބިދޭސީ ކީޕަރު އަބޫ ސުލޭމާނާގެ ކޮންޓްރެކްޓް އުވާލުމަށްފަހު މިދިޔަ ޖުލައި މަހުގެ ފަހުކޮޅެވެ. އެ ޓީމުގެ ގޯލް ބެލެހެއްޓުމަށް ބަދަލު ކީޕަރު އަހްމަދު ފައިރޫޒަށް ފުރުސަތުތަކެއް ލިބުނު އިރު، އޭނާގެ ހުނަރުވެރިކަން ދައްކާލާފައިވެ އެވެ. އޭގެ ތެރޭގައި އޭއެފްސީ ކަޕްގެ މެޗުތަކެއް ހިމެނެ އެވެ.

ބީޖީގެ ގޯލް ބަލައްޓަމުންދަނީ ޕާކިސްތާނު ކީޕަރު ހަނީފް ސާގިބް އެވެ. އޭނާ އަކީ ޕާކިސްތާނު ގައުމީ ޓީމުގެ ގޯލް ބަލަހައްޓަމުންދާ ކީޕަރެވެ. އެ ޓީމުގެ ބަދަލު ކީޕަރު މުހައްމަދު ޔަމާން އަކީ ކުރިން ބޮޑެތި ކްލަބުތަކެއްގައި ހުނަރުވެރި މޮޅު ކުޅުމެއް ދެއްކި ކީޕަރެކެވެ. ނަމަވެސް އޭނާ އަށް ގޯލް ބެލެހެއްޓުމުގެ ފުރުސަތު ލިބިފައެއް ނުވެ އެވެ.

ދިވެހި ކީޕަރުންނަށް ފުރުސަތުދޭން ޖެހޭ

ގައުމީ ޓީމަށް މޮޅެތި ކީޕަރުން ހޯދުމަށް މިހާރުން ފެށިގެން ކްލަބުތަކުން ދިވެހި ކީޕަރުންނަށް ފުރުސަތު ދޭން ޖެހެ އެވެ. އެހެން ނޫންނަމަ، އެ ކީޕަރުންގެ ހުނަރު ދެއްކޭ ގޮތެއް ނުވާނެ އެވެ. ޒުވާން ކީޕަރުން އުފެއްދުމަށް އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ވެސް ކްލަބުތަކަށެވެ.

ޒުވާން ކީޕަރުން އުފެއްދުމަށް ރިޓަޔާކުރި ކީޕަރު އިމްރާނާއި، ކުރީގެ ސީނިއާ ކީޕަރުން އަދި ކީޕަރު ޓްރޭނަރުންގެ އެހީތެރިންކަން ވެސް ވަރަށް ބޮޑަށް ބޭނުންވާނެ އެވެ. އެ ފަރާތްތަކުގެ ތަޖުރިބާ އަކީ ޒުވާން ކީޕަރުންނަށް ލިބޭނެ އިތުރު ފައިދާއެކެވެ. ގައުމީ ޓީމަށް މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ހުނަރުވެރި ޒުވާން ކުޅުންތެރިންނެވެ. ގައުމީ ޓީމަށް ޒުވާން ކީޕަރުން ހޯދަން ޖެހެ އެވެ. ދިވެހި ފުޓްބޯޅައިގެ ތެރެއިން ކުރިއެރުން ހޯދި ލަންކާ ކީޕަރު ސުޖަން އެކޭ އެއްގޮތަށް ރާއްޖޭގެ ޒުވާން ކީޕަރުންނަށް ވެސް ފުރުސަތުތައް ތަނަވަސްކޮށްދޭން ޖެހެ އެވެ.