އަންނަ ޖެނުއަރީ މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި ޖުމުލަ 653 ކައުންސިލަރުން އިންތިހާބު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އަންނަ އަހަރު ރަށު ކައުންސިލަރުންގެ ގޮތުގައި 563 މެމްބަރަކު އިންތިހާބުކުރާނެ ކަމަށެވެ. އަދި އަތޮޅު ކައުންސިލަރުންގެ ގޮތުގައި 67 މެމްބަރަކު އިންތިހާބު ކުރާނެ ކަމަށް އެ އިއުލާނުގައި ވެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޓީ ކައުންސިލަރުންގެ ގޮތުގައި އަންނަ އަހަރު 23 މެމްބަރަކު އިންތިޚާބު ކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހެއްގައި ބުނެފައި ވަނީ އާބާދީގައި 3000 ހަމަނުވާ ރަށްރަށުގައި އިންތިހާބުކުރާނީ ތިން ކައުންސިލަރުން ކަމަށެވެ. ރަޖިސްޓްރީވެފައިވާ އާބާދީގެ 3000 މީހުންނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގައި ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ފަސް މެމްބަރުން ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެ އިސްލާހު ފާސްނުކުރާއިރު ގާނޫނުގައި ކުރިން ބުނެފައި ވަނީ އާބާދީގައި 3000 މީހުންނަށް ވުރެ މަދު އާބާދީއެއް އޮންނަ ރަށު ކައުންސިލުތަކަށް ފަސް މެމްބަރުން މަދުވެގެން އައްޔަން ކުރަންވާނެ ކަމަށެވެ.

މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ ރަޖިސްޓްރީވެފައިވާ އާބާދީގެ 10،000 މީހުންނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ނުވަ މެމްބަރުން ކަމަށެވެ. ނަމަވެސް ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި ހިމެނޭ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ތިން މެމްބަރުން ކަމަށް ވެސް މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައިވެ އެވެ.

އަންނަ ޖެނުއަރީ މަހުގެ 14ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި އިންތިހާބު ކުރާނެ މެމްބަރުންގެ އަދަދު އިލެކްޝަނުން އިއުލާނުކޮށްފައިވާއިރު އިންތިހާބުގެ ވޯޓާސް ލިސްޓު، އިލެކްޝަންސް ކޮމިޝަނުން ވަނީ އާންމުކޮށްފަ އެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ވެސް އިލެކްޝަނުން ވަނީ ހުޅުވާލައިފަ އެވެ. ނަމަވެސް އެ މުއްދަތު މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ވަނީ ހަމަވެފަ އެވެ.