ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި އިސްތިއުފާ ދެއްވި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)ގެ ބަދަލުގައި އެ ކޮމެޓީއަށް ފޮނަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހަމަޖައްސައިފި އެވެ.

އަދުރޭ އެ ކޮމެޓީއަށް ހަމަޖެއްސެވިކަން މަޖިލީހުން އިއުލާނުކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. މިދިޔަ ބުދަ ދުވަހު އޮތް މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އަދުރޭ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ސަލީމް ވިދާޅުވީ މާލިއްޔަތު ކޮމެޓީން އިސްތިއުފާ ދެއްވީ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭތީ ކަމަށެވެ.

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ސަލީމް ހުންނެވި ނަމަވެސް އޭނާ އަންނަނީ ސަރުކާރުގެ ބައެއް ކަންކަމަށް ފާޅު ގޮތެއްގައި ފާޑު ވިދާޅުވަމުން ނެވެ. އަދި މިހާރު ޕީޕީއެމް ބައިބައިވެ ދެ ފެކްޝަނެއް އުފެދިފައިވާއިރު އޭނާ އަކީ ރައީސް މައުމޫނަށް ތާއީދުކުރާ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

މިދިޔަ އޯގަސްޓު މަހުގެ ސަލީމް "ސަން"އަށް ވިދާޅުވީ ކަންތައްތައް ގޯސްވާނަމަ ބަސް އިއްވުުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި ބުނާ ބަހެއްގެ ސަބަބުން އަދި ކުރާ ކަމެއްގެ ސަބަބުން އަޅާފާނެ ފިޔަވަޅަކަށް ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށެވެ.