09 Jun 2011, 15:51
އެމްޓީޑީސީން 2007 ވަނަ އަހަރު ހއ. އުލިގަމުގައި ސިޓީ ހޮޓަލެއް އެޅުމަށް ވެފައިވާ އެއްބަސްވުމާއި ހިލާފަށް ހޮޓަލުގެ މަސައްކަތް ކުރިއަށް ނުދާކަމަށްބުނެ ތިން މަސްދުވަހުގެ ތެރޭގައި ރައްޔިތުންނާއި އެކު ވެފައިވާ އެއްބަސް ވުމާއި އެއްގޮތަށް އަމަލުކުރަން އެމްޓީޑީސީގެ މައްޗަށް އުލިގަމު ކައުންސިލުން މިއަދު އަމުރުކޮށްފި އެވެ.
ސަރުކާރާ ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެމްޓީޑީސީން އުލިގަމުގައި 2007 ވަނަ އަހަރު އަޅަން ފަށައި މިހާރު މަސައްކަތް ހުއްޓިފައިވާ 100 އެދުގެ ސިޓީ ހޮޓަލުގެ މަސައްކަތް އެއްބަސްވުމާއި އެއްގޮތަށް ކުރިއަށް ނުދާކަމަށްބުނެ މިއަދު އުލިގަމު ކައުންސިލްގެ އަގުލަބިއްޔަތުން ފާސްކުރި ގަރާރުގައި ދެ ނުކުތާއެއް ފާހަގަ ކޮށްފައި ވެއެވެ.
އޭގެ ތެރޭގައި ހޮޓާ އަޅަން އެމްޓީޑީސީއަށް ދޫކުރި ބިމުން ބޭރުގައި ހޮޓަލުގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިޔުމާއި އޭގެ ސަބަބުން ރައްޔިތުންނަށް އެކި ވަރުގެ އުނދަގޫތައް ވަމުން ދިއުން ހިމެނެ އެވެ.
އުލިގަމު ކައުންސިލުން އެމްޑީޓީސީގެ މައްޗަށް ކުރި އަމުރުގައި ބުނަނީ ރަށުގެ އުތުރުކޮޅުން އެ ކުންފުންޏަށް ދޫކުރި ބިމުގެ 100 މީޓަރު ބޭރުން އެއްވެސް މަސައްކަތެއް ކުރުމަކީ މަނާ ކަމެއް ކަމަށާއި އެއީ ގްރީން ޒޯން ސަރަހައްދެއް ކަމަށެވެ. އެ ސަރަހައްދުގެ ގްރީން ޒޯނުގައި އެމްޓީޑީސީން ސިނާއީ މަސައްކަތްތައް ކުރުމުގެ ސަބަބުން ޒޯންގެ ފެހިކަން ގެއްލި ފެންފަސަލަ ހަލާކުވެފައިވާ ކަމަށް ވެސް ބުނެފައި ވެ އެވެ.
"...އެ ބިމުގެ ނިމޭރޮގުން ފެށިގެން 100 މީޓަރުގެ ސަރަހައްދަކީ އެއްވެސް ބާވަތެއްގެ އިމާރާތެއް ނުވަތަ އިގްތިސޯދީ ސިނާއީ މަސައްކަތެއް ނުކުރެވޭނެ ފެހި ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަށް ނިންމާ އެއްބަސްވެފައިވާ ހިނދު މި ސަރަހައްދުގެ ފެހިކަން ގެއްލި އެބިމުގެ ބޮޑުބައެއްގައި އިމާރާތްތައް އެޅުމަށް އެމްޓީޑީސީގެ ފަރާތުން އަލިކޮށް އެ ސަރަހައްދަށް އެފަރާތުގެ ބޭނުމަށް ނޫނީ ނުވަދެވޭ ގޮތަށް ރަށުގެ އިރުން ހުޅަގަށް މަގެއްކޮށާ ފެންސްޖެހިފައި ވުމާއި ސިޓީ ހޮޓާ އެޅުމުގެ މަސައްކަތުގައި އެފެދުމުންދާ ކުނި ނައްތާލެވެމުން ދަނީ ފެހި ސަރަހައްދުގައި ފެނާ ހަމައަށް ކޮނެ ވަޅުލައިގެން ކަމަށްވާތީ ސަރަހައްދުގެ ފެންވެސް އަންނަނީ ގޯސްވަމުންނެވެ،" އުލިގަމު ކައުންސިލްގެ އަމުރުގައި އެވެ.
މިދިޔަ އަހަރުން ފެށިގެން ސިޓީ ހޮޓަލުގެ މަސައްކަތް ނުހިނގާ ކަމަށް ބުނެ އުލިގަމު ކައުންސިލް އިން ވަނީ ކުރީގެ ރައްކުރިއަރުވާ ކޮމެޓީއާއެކު 14ޖެނުއަރީ 2007 ގައި ވެފައިވާ އެއްބަސްވުމަށް ތިން މަސްދުވަހުގެ ތޭރޭގައި އަމަލުކުރުމަށް އެމްޓީޑީސީގެ މައްޗަށް އަމުރުކޮށްފަ އެވެ.
"9 ޖެނުއަރީ 2011 ވާ ބުރާސްފަތި ދުވަހުން ފެށިގެން ތިން މަސްދުވަހުގެތެރޭގައި ފެހި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުގައި ހުރި އިމާރާތްތަކާއި ތަކެތި ނަންގަވާ ބިން ސާފުކުރުމަށް ފަހު 14 ޖެނުއަރީ 2007 ގައި ސަރުކާރުގެ ހަ މިނިސްޓްރީއަކުން ބޭފުޅުން ބައިވެރިވެގެން އޭރުގެ އުލިގަމު ރަށްކުރިއަރުވާ ކޮމެޓީއާއި ދެމެދު ވެވުނު އެއްބަސްވުމުގައި ވާގޮތަށް އަމަލުކުރުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް (އެމްޓީޑީސީ) އަށް އަމުރުކުރަ މެވެ،" އަމުރުގައި ވެއެވެ.
އުލިގަމުގައި އެމްޓީޑީސީން އަޅައި ސިޓީ ހޮޓަލުގެ މައްސަލައިގާ އުލިގަމު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޒިޔާދު މިއަދު ވިދާޅުވީ ކައުންސިލް އިން އެމްޓީޑީސީގެ މައްޗަށް އަމުރުކޮށް ގަރާރެއް ނެރެން ޖެހުނީ މެދުކެޑުމެއްނެތި ރައްޔިތުންގެ ޝަކުވާތަށް ކުރިމަތިވަމުން ދިޔުމާއި އެ ޝަކުވާތަކަށް އެ ކުންފުނިން އެއްވެސް ޖަވާބެއް ދީފައިނުވާތީ ކަމަށެވެ.
"ރައްޔިތުން މެދު ކެޑުމެއްނެތި ޝަކުވާކުރަނީ. އެހެންވެ އަޅުގަނޑުމެން ލިޔުމަކުން ވެސް އަދި އެހެން ގޮތްގޮތުން ވެސް ސުލްހަވެރިކޮށް އެކަން ހައްލުކުރަން އުޅެފިން. އަލި މަގެއް ނުފެނުނީމާ ގަރާރާއި ހިސާބަށް މިދިޔައީ،" ނިޔާޒް ވިދާޅުވި އެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓާ މުހަންމަދު މިހާދު މިއަދު ވިދާޅުވީ ގުރީން ޒޯންގައި ވަގުތީ އިމާރާތްތަކެއް އަޅާފައި ހުންނާނެ ކަމަށާއި ހޮޓަލްގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ އިމާރާތްތައް އެތަނުން ނަގާ ކުރިއެކޭ ވެސް އެއްގޮތަށް އެތަން ސާފުކޮށް ބާއްވާނެ ކަމަށެވެ.
"އެގި ވަޑައިގަންނަވާނެ ކޮންމެ ތަނެއްގައި ވެސް މަސައްކަތް ކުރާއިރު އަޅާނެ ވަގުތީ އިމާރާތްތައް. އެގޮތަށް އެ އިމާރާތްތަށް އަޅާފައި ހުންނާނީ. އަޅުގަނޑުމެން ޔަގީންކަން ދެން ކުރިއެކޭ އެއްގޮތަށް އެތަން ބާއްވާނެ ކަމުގެ،" މިހާދު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެ ގަރާރަށް ވަރަށް އަވަހަށް ޖަވާބެއް ދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ގޮންޖެހުންތަކެއް ކުރިމަތިވެގެން މި އުޅެނީ ނުނިމިގެން. އެކަންތައްތައް ހަމަޖެހުނީމާ އެތަނުގެ މަސައްކަތް ފެށޭނެ، އެކަންތައްތައް ހަމަޖެއްސުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަގެންދަން،" މިހާދު ވިދާޅުވި އެވެ.