23 Oct 2016, 09:11
ނިދަނީ މަގުމަތީގަ އެވެ. ދުވާލު އުޅެނީ ސަލާންޖެހުމުގަ އެވެ. ފެންވެރި ދުވަހެއް ވެސް ނޭނގެ އެވެ. ކައިބޮއެ ދަނީ ސަލާންޖަހައިގެން ލިބޭ ފައިސާއިން ހޮޓާތަކުންނެވެ. މިއީ ވެރިރަށް މާލޭގެ ބާޒާރު މަތީގައި ދިރިއުޅޭ އުމުރުން 70 ވަރަކަށް އަހަރުގެ ދިވެހި ފިރިހެނެއްގެ ހާލެވެ.
ހދ. އަތޮޅު ރަށަކަށް ނިސްބަތްވާ ސިކުނޑީގައި އުނިކަމެއް ހުންނަ އެމީހާ ވަރަށް ކުރިންސުރެ އުޅެނީ މާލޭގަ އެވެ. ރިސޯޓްތަކުގެ ބަދިގޭގައި ވެސް މަސައްކަތް ކުރި އެވެ. ފަހުން ފަހުން އައިސް ބާޒާރު މަތީ ދުފާ އެއްޗެތި ވިއްކަން އުޅުނެވެ. އޭރު ދިރިއުޅުނީ ގެތަކުގަ އެވެ. ނަމަވެސް ފަހަކަށް އައިސް އޭނާ ދިރިއުޅޭ ތަނަކަށް ވެފައި ވަނީ މަގުމައްޗެވެ.
އާއިލާ މީހަކު މައުލޫމާތުދޭ ގޮތުގައި އޭނާގެ ދަރިއެއް އަންބަކު ނުހުރެ އެވެ. އެއްބަފާ ތިން މީހުން ތިބޭ އިރު މިހާރު ދުނިޔޭގައި ތިބީ އޭގެ ތެރެއިން ދެމީހުންނެވެ. އެމީހުންގެ ދަރިން ވެސް އެމީހާއަށް އެހީވާން މަސައްކަތް ކުރިކަމަށާއި ނަމަވެސް މިޒާޖު ތަފާތުވުމުގެ ސަބަބުން އެކަން ކާމިޔާބުނުވާ ކަމަށް އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.
"މީހުންނަކާ އެހާބޮޑު ގުޅުމެއް ނޯންނާނެ، މީހަކާ ދިމާވިޔަސް އެމީހަކާ އަރާރުންވާނީ އެކަހަލަ އުސޫލެއް ހުންނަނީ. ވަރަށް ދެރަވޭ އެހެން އުޅޭ ތަން ފެނުނީމަ، އެކަން ހައްލުކުރަން ބޭނުން،" އާއިލާ މީހަކު ކިޔައިދިނެވެ.
އެހާލުގައި އުޅެނީ އެންމެ މީހެއް ނޫނެވެ. ތަފާތު ސަބަބުތަކާ އެކު އެތައް ބަޔަކު އެބަ މަގުމަތިވެ އެވެ. މިހެންވުމުގެ އެންމެ ބޮޑު އެއް މައްސަލައަކީ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ގާނޫނެއް ރާއްޖޭގައި ނެތުމެވެ. ގާނޫނަކުން ހައްގުތައް ކަށަވަރު ކުރަންޖެހޭ އިރު އެފަދަ ގާނޫނެއް ތަންފީޒު ނުކުރެވުމުގެ ސަބަބުން އަޅާލާނެ މީހެއް ނެތް ދުވަސްވީ ފަރާތްތަކުގެ ބެލެނިވެރިކަން ހަވާލުކުރަން ދަތިތަކާ އެވަނީ ކުރިމަތިވެފަ އެވެ.
"ދުވަސްވީ މީހެއްގެ ގެ އާއިލާއަށް އެބަލިބޭ، އެކަމަކު ބެލެހެއްޓުމުގެ ޒިންމާ ނަގާކަށް އާއިލާއިން ބޭނުމެއް ނުވޭ، ގާނޫނެއް އޮތް ނަމަ މިއަދު އަޅުގަނޑުމެންނަށް މިހާލަތެއް ދިމާނުވީސް،" ޑިސެބިލިޓީ އެމްބެސެޑާ އަހުމަދު ހިޝާން ވިދާޅުވި އެވެ.
ދުވަސްވީ މީހުންނަށް 5000 ރުފިޔާ ދައުލަތުންދޭ ދިނުމަކީ އެކަމަށް ޝުކުރު ހައްގު ކަމެކެވެ. ނަމަވެސް އެއިގެން ފުއްދާލެވޭކަށް ނެތެވެ. އަޅާލާނެ ފަރާތެއްނެތް މީހުންނަށް ދުވަސްވީ މީހުން ބަލާ މަރުކަޒުތައް ހަދައިގެން ނަމަވެސް ރައްކާތެރިކަން ދޭން އެބަޖެހެ އެވެ.
"އެދޭ 5000 ރުފިޔާ ދައުލަތަށް ނަގާފައި ދައުލަތުން ކާންދީ ބޯންދީ ބެލެހެއްޓުމުގެ ޒިންމާ ނެގިދާނެ. ދުނިޔޭގެ ގައުމުތަކުގައި އެބަހުރި ދުވަސްވީ މީހުންގެ މަރުކަޒުތައް، އަމިއްލައިން ފައިސާ ދީގެންދާ މަރުކަޒުތައް ވެސް،" ހިޝާން ވިދާޅުވި އެވެ.

އެފަދަ ފަރާތްތަކަށް ގާނޫނުން ކަށަވަރުކޮށްދީފައިވާ ހައްގުތައް ދިނުމުގެ މަސްއޫލިއްޔަތު އުފުލާ ޖެންޑާ މިނިސްޓްރީން ބުނާ ގޮތުގައި އެގޮތަށް އުޅޭ ފަރާތްތަކުގެ ތެރޭގައި އަޅާލާނެ ބަޔަކު ތިބި ނަމަވެސް އެހެން އުޅެން ބޭނުންވެގެން އުޅޭ މީހުން އުޅެ އެވެ.
ޖެންޑާ މިނިސްޓްރީން ގަބޫލް ކުރާގޮތުގައި ވެސް އެގޮތަށް މަގުތަކުގައި ނޫޅެވޭނެ އެވެ. ނަމަވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވޭނީ އޭގެ ތެރެއިން އަޅާލާނެ މީހަކު ނެތް މީހުންކަން ޔަގީންކޮށްފައި ކަމަށް މިނިސްޓްރީން ބުނެ އެވެ.
"އާންމުގޮތެއްގައި އަޅާލާނެ މީހުން ނެތް، ނުވަތަ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން އަޅާލާނެ މީހުން ނެތް. ނުވަތަ މެންޓަލީ މައްސަލައެއް ހުންނަ މީހުން ބަލަހައްޓަން ހުންނަ މަރުކަޒަކަށް،" ޖެންޑާ މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު މުހައްމަދު ޝަކީބު ވިދާޅުވި އެވެ.
އެކަން އެގޮތަށް އޮންނަ އިރު އެމީހުންނަށް އަޅާލުމަށް ކޮންމެ ވެސް ފަރާތަކަށް އެންގެން އެބަޖެހެ އެވެ. އެހެން ނޫން ނަމަ ދައުލަތުން ވެސް ރައްކާތެރިކަން ފޯރުކޮށްދޭންޖެހެ އެވެ. މަގުތަކުގައި ނިދަން ދޫކޮށްލައިގެން ނުވާނެ އެވެ.