އެމެރިކާގެ އަސްކަރީ ތިން އެކެޑަމީއަކުން އަސްކަރީ ތަމްރީނާއި އުގެނުނުމުގެ ފުރުސަތު އެމްއެންޑީއެފުން ހުޅުވާލައިފި އެވެ.

ތަމްރީނާއި އުގެނުމުގެ ތެރެއިން އެމްއެންޑީއެފުން ފުރުސަތު ހުޅުވާލާފައިވަނީ، ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑު އެކެޑަމީ (ޔޫއެސްސީޖީއޭ) އާއި ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީ (ޔޫއެސްއެމްއޭ) އަދި ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީ (ޔޫއެސްއެންއޭ) އިން ބެޗްލާސް ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުސަތެވެ.

އެމެރިކާގެ އަސްކަރީ ތިން އެކެޑަމީން ވެސް ހުޅުވާލާފައިވާ އަސްކަރީ ތަމްރީން ހެދުމުގެ އެ ފުރުސަތުތަކަކީ އެމެރިކާ ސަރުކާރުން ރާއްޖެއަށް ދެއްވާފައިވާ ފުލް ފަންޑަޑް ސްކޯލޮޝޮޕް ފުރުސަތު ތަކެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، އަންނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ އެ ކޯސްތަކަށް ކުރިމަތިލައްވާ ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެޕްލިކޭޝަން ފޯމް އެމްއެންޑީއެފްގެ ބަންޑާރަކޮއްޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އަދި ކޯހުގެ އެޕްލިކޭޝަން ފޯމް އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަސް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ފުރުސަތު ހުޅުވާލި ތަމްރީން ފުރުސަތުތަކަށް ކުރިމަތިލެވޭ ޝަރުތުތަކުގެ ތެރޭގައި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ރަނގަޅަށް ފަތަން ދަންނަ ހަށިހެޔޮ އުމުރުން 17 އަހަރު ފުރިފައިވާ އަދި އަންނަ އަހަރުގެ ޖޫން 26 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ، ޖަވާދީ ހަޔާތެއް ފަށާފައިނުވާ މީހަކަށްވާންޖެހެ އެވެ.

އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ މީހަކަށް ވާންޖެހޭއިރު، ނަތީޖާ ރަނގަޅު ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.