ރަޝިޔާގައި 2018 ވަނަ އަހަރު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރާނެ މެސްކޮޓަކަށް ހިޔަޅެއް ހަމަޖައްސައި ދައްކާލައިފި އެވެ.

ރަޝިޔާއިން ވޯލްޑް ކަޕް މެސްކޮޓް ހަމަޖައްސީ މިދިޔަ މަހު އާންމުންނަށް ހުޅުވާލައިގެން ނެގި ވޯޓަކުން 53 ޕަސެންޓް މީހުންގެ ތާއީދާއެކު އެވެ. ދެވަނައަށް ދިޔަ ސިންގާއަށް ލިބުނީ 27 ޕަސެންޓް ވޯޓެވެ. އެންމެ ދަށުން ލިބުނީ 20 ޕަސެންޓް ލިބުނު ބުޅަލަށެވެ.

ރަޝިޔާއިން އެ މުސްކެޓަށް ދީފައިވާ ނަމަކީ 'ޒަބިވަކާ' އެވެ. ރަޝީޔާ ބަހުން އޭގެ މާނައަކީ ގޯލު ޖަހާ މީހާ އެވެ. ވޯލްޑް ކަޕްގެ ކުރިން އަންނަ އަހަރު ރަޝީޔާގައި ބާއްވާ ފީފާ ކޮންފަޑަރޭޝަން ކަޕްގައި ވެސް ޒަބަވީކާ ބޭނުން ކުރުމަށް ރަޝީޔާ އިން ވަނީ ނިންމައިފަ އެވެ.

"އަހަރެންނަށް ޔަގީން ކޮންފަޑަރޭޝަން ކަޕް އާއި ވޯލްޑް ކަޕްގައި ވެސް އެންމެ މަގްބޫލް އެކައްޗަކަށް ވެގެންދާނެ ޒަބަވީކާ،" މެސްކޮޓް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރަޝީޔާގެ ކުޅިވަރު ވަޒީރު ވިޓާލީ މުޓްކޯ ވިދާޅުވި އެވެ.

ފުޓްބޯޅައިގަ އެންމެ ފުރަތަމަ މެސްކޮޓް ބޭނުން ކުރަން ފަށާފައި ވަނީ ވިހި ވަނަ ގަރުނުގެ މެދެއްކަން ހިސާބުން ފެށިގެންނެވެ. ވޯލްޑްކަޕްގައި ފުރަތަމަ ފަހަރަށް މެސްކޮޓް ފެނިގެންގޮސްފައި ވަނީ 1966ގައި އިނގިރޭސިން ބޭއްވި ވޯލްޑް ކަޕްގަ އެވެ. އޭގެ ފަހުން ވޯލްޑް ކަޕް ހުރިހާ މުބާރާތްތަކެއްގައި ވެސް މެސްކޮޓެއްގެ ގޮތުގައި އެގައުމެއްގެ މަގްބޫލް ޖަނަވާރެއް، ދޫންޏެއް ނުވަތަ މީހެއްގެ ކާޓޫން ކެރެކްޓާއެއް އަންނަނީ ބޭނުން ކުރަމުންނެވެ.