22 Oct 2016, 21:52
ސައިބީރިއާގެ ހުޅަނގު އުތުރަށް ރަޝިއާގެ ހެލިކޮޕްޓަރެއް ވެއްޓި، އޭގެން ދަތުރުކުރި 19 މީހުން މަރުވެއްޖެ އެވެ.
ރަޝިއާގެ މިލިޓަރީ ތަރުޖަމާނާ ހަވާލާދީ ބީބީސީން ބުނީ، ސައިބީރިއާގެ ކުރަސްނައްޔާސްކު ސަރަހައްދުގައި ހުންނަ ތެލާއި ގޭހުގެ ކާރުހާނާއަކުން ފުރައިގެން ދަތުރުކުރަމުންދަނިކޮށް އިއްޔެ ވެއްޓިފައިވަނީ އެމްއައި-8 މަރުކާގެ ހެލިކޮޕްޓަރެކެވެ.
އަދި ވެއްޓުނު އިރު އޭގެން 22 މީހުން ދަތުރުކުރަމުންދިޔަ ކަމަށާއި ގިނައީ ތެލާއި ގޭހުގެ ކާރުހާނާގައި މަސައްކަތްކުރާ މީހުން ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ހާދިސާގައި ސަލާމަތްވި ތިން މީހުން ވައިގެ މަގުން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ފޮގުގެ ސަބަބުން މީހުން ހޯދައި ސަލާމަތްކުރުމުގެ އޮޕަރޭޝަނަށް ދަތިތަކެއް ކުރިވަމުން އަންނަ ކަމަށް ވެސް މިލިޓަރީ ތަރުޖަމާން ވިދާޅުވި އެވެ.
ހެލިކޮޕްޓަރު ވެއްޓިފައިވަނީ ބައެއްގެ އިހުމާލުންތޯ ބެލުމަށް އެ ހާދިސާގެ ތަހުގީގެއް ފަށާފައިވާއިރު ތަހުގީގުވެރިން ބުނާ ގޮތުގައި އެ ހެލިކޮޕްޓަރު ވެއްޓިފައިވަނީ ފްލައިޓް ސޭފްޓީ ރެގިއުލޭޝަންގެ ކުށަކުން ނުވަތަ މެކޭނިކަލް މައްސަލައެއް ދިމާވެގެން ނޫނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންގެ ތަރުޖަމާން ވިދާޅުވި ގޮތުގައި، ރައީސް ޕުޓިން ވަނީ އެގައުމުގެ ހެލިކޮޕްޓަރެއް ވެއްޓި ހިނގި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފަ އެވެ.