22 Oct 2016, 21:45
އޭބީޔޫ ޓީވީ ސޯންގް ފެސްޓިވަލްގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު ލިބުނު ރާއްޖޭގެ ފުރަތަމަ މޯލްޑިވިއަން އައިޑަލް، ލައިޝާ ޔުނައިދު ޕާފޯމްކޮށްފި އެވެ.
އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އޭބީޔޫ ޓީވީ ސޯންގް ފެސްޓިވަލްގެ ފަސް ވަނަ އެޑިޝަން މިއަހަރު ބާއްވާފައިވަނީ އިންޑޮނޭޝިއާގެ ބާލީގަ އެވެ.
މިއަހަރުގެ ފެސްޓިވަލުގައި އޭބީޔޫގެ މެމްބަރު ގައުމުތަކުގެ ތެރެއިން 12 ގައުމަކުން އެގައުމެއްގެ އެންމެ ފާހަގަކޮށްލެވޭ ލަވަ ކިޔުންތެރިން ލަވަ ހުށަހަޅައިދީފައިވެ އެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ފަރާތުން މިއަހަރުގެ އޭބީޔޫ ޓީވީ ސޯންގް ފެސްޓިވަލުގައި ބައިވެރިވި ލައި، ފެސްޓިވަލުގައި ޕާފޯމްކުރީ ތިން ވަނަ އަށެވެ. އަދި ހުށަހަޅައިދިނީ އަމިއްލަ ރާގުގެ ދިވެހި ލަވައެކެވެ.
ފެސްޓިވަލުގައި ޕާފޯމްކުރުމަށްފަހު ލައިގެ ސޯޝަލް މީޑިއާގައި ބުނެފައިވަނީ، ދުނިޔޭގެ އެކިކަންކޮޅުތަކުގެ ހުނަރުވެރި އާޓިސްޓުންނާ ދިމާވެ، އިންޓަނޭޝަނަލް ޕްލެޓްފޯމެއްގައި ހުށަހަޅަ ލިބުނު އެ ފުރުސަތުގެ ސަބަބުން ވަރަށް އުފާވާ ކަމަށެވެ.
އެގޮތުން މިއަހަރުގެ ފެސްޓިވަލުގައި، ފެސްޓިވަލް ބާއްވާ އިންޑޮނޭޝިއާ އާއި ރާއްޖޭގެ އިތުރުން ޗައިނާ، އަފްގާނިސްތާން، ހޮންގް ކޮންގް، ޖަޕާން، ކަޒިކިސްތާނާއި ސައުތު ކޮރެއާ، މާކާއޯ، ސްރީ ލަންކާ، ވިއެޓްނާމް އަދި ޓިއުނޭޝިއާގެ ފަންނާނުން ހިމެނެ އެވެ.
އޭބީޔޫ ޓީވީ ސޯންގް ފެސްޓިވަލްގައި ރާއްޖޭގެ ފަރާތުން ވަނީ ވޭތުވެދިޔަ ދެ އަހަރުވެސް ބައިވެރިވެފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ރާއްޖޭގެ ފަރާތުން އެ ފެސްޓިވަލުގައި ބައިވެރިވީ ޒުވާން ލަވަކިޔުންތެރިއާ، މޫޝާން މުބާރިކް (މުއްމު) އެވެ. އަދި މިދިޔަ އަހަރު އެ ފެސްޓިވަލުގައި ރާއްޖެ ތަމްސީލް ކުރީ މަޝްހޫރު ލަވަކިޔުންތެރިއާ މަރިޔަމް އުނޫޝާ (ކިޑީ) އެވެ.