22 Oct 2016, 21:38
ފެނުގެ ޑިސްޓްރިބިއުޝަން ސިސްޓަމް މަރާމާތު ކުރުމަށް އެމްޑަބްލިއުއެސްސީން ރޭ ކުރަން ނިންމި މަރާމާތުގެ މަސައްކަތް މިރޭއަށް ފަސްކޮށް، މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ފެނުގެ ހިދުމަތް ކަނޑާލުމަށް އެ ކުންފުނިން ނިންމައިފި އެވެ.
އެ ކުންފުނިން ބުނީ، މިރޭ 23:00 އިން ފެށިގެން ފަތިހު 5:00 މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް މެދުކެނޑިގެން ދާނެ ކަމަށެވެ.
ފެނުގެ ހިދުމަތް ކަނޑާލަން ނިންމާފައިވަނީ އިސްކަންދަރުމަގު، ޗާނދަނީ މަގާ ގުޅޭ ހިސާބުން ފެށިގެން ނިކަގަސް ހިނގުމާ ހަމައަށާއި، ނިކަގަސް ހިނގުމުން އިސްކަންދަރު މަގާ ގުޅޭ ހިސާބުން ފެށިގެން އަމީނީ މަގާ ހަމައަށް އަދި އަމީނީމަގުން، ނިކަގަސް ހިނގުމާ ގުޅުނު ހިސާބުން ފެށިގެން މާފަތްތަކުރުފާނު މަގާ ހަމައަށެވެ.
މަރާމާތެއް ކުރުމުގެ ގޮތުން މިރޭ މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް ކަނޑައިގެން ދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވާއިރު މަޖީދީމަގާއި ޗާނދަނީމަގު ގުޅޭ ކަންމަތީ ސަރަހައްދުގައި ވަޅުލާފައި އޮތް އެމްޑަބްލިއުއެސްސީގެ ފެން ހޮޅިއެއް އިއްޔެ ފަޅައިގެން ގޮސް އެ ސަރަހައްދަށް ވަނީ ފެން ލީކުވެފަ އެވެ.
އެކުންފުނީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ ސަރަހައްދުން ފެން ލީކު ވަމުންދަނީ ބިމު އަޑީގައި ވަޅުލާފައި އޮތް ފެން ހޮޅިއެއްގެ ވޭލް ލީކެއްގެ ސަބަބުން ކަމަށެވެ.
އިިއްޔެ ހެނދުނުން ފެށިގެން އެ މަސައްކަތް ހައްލުކުރުމަށް އެމްޑަބްލިއުއެސްސީގެ މުވައްޒަފުން މަސައްކަތްކުރަމުންދާއިރު، އަދިވެސް އެ ސަރަހައްދުގައި ދަނީ އެ ކުންފުނީގެ ފަރާތުން މަސައްކަތްކުރަމުންނެވެ.