މިދިޔަ ސީޒަން ނިމެނިކޮށް ޗެލްސީގެ ކޯޗު ކަމުން ވަކިކުރި ހޯސޭ މޮރީނިއޯ އަދިވެސް އެކުލަބަށް އިޙްތިރާމް ކުރާ ކަމަށް ބުނެފިއެވެ.

މޮރީނިއޯގެ މިހާރުގެ ކުލަބު، މެންޗެސްޓާ ޔުނައިޓެޑުން މާދަމާ ރޭ ޗެލްސީއާ ދެކޮޅަށް ނިކުތުމުގެ ކުރިން ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ، އޭނާ ޗެލްސީ ދޫކޮށްލީ ވަރަށް ގިނަ ހަނދާންތަކަކާ އެކު ކަމަށާއި ކޯޗުކަމުގައި ހުރިއިރު އޭނާއަށް ކޮށްދެވޭނެ ހުރިހާ ކަމަށް ވެސް ކޮށްދީފައިވާނޭ ކަމަށެވެ.

"ބައެއް ކޯޗުން ކްލަބު ދޫކޮށްލުމަށް ފަހު އެކުލަބެއްގެ ގޯސް ވާހަކަތައް ދެއްކުން މަތީ ދެމިތިބޭނެ. ނަމަވެސް އަހަރެން ބޭނުމެއް ނޫން އެކަހަލަ އެއްވެސް ވާހަކައެއް ދައްކާކަށް. އަހަރެންގެ ވަރަށް ގިނަ ކާމިޔާބީތަކެއް ވަނީ ޗެލްސީއާ ގުޅިފަ،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ޗެލްސީގެ ހަނދާންތައް އޭނާގެ ހިތުން ދުވަހަކު ވެސް ފިލައިގެން ނުދާނެ ކަމަށާއި އެ ހަނދާންތައް އަބަދުގެ އަބަދަށް ބަހައްޓާނީ އޭނާގެ ހިތުތެރޭގައި ކަމަށެވެ.

"ޗެލްސީގެ ސަޕޯޓަރުން އަހަންނާ ދިމާލަށް އެއްޗެތި ގޮވި ނަމަވެސް އެއްވެސް ވަރަކަށް އަޅެއެއް ވެސް ނުލާނަން. އަދި އަހަރެންގެ ޓީމުން ޗެލްސީ ކޮޅަށް ގޯލު ޖެހި ނަމަވެސް މޮޔަ ކުޑަކުއްޖެއް ފަދައިންނެއް އުފާފާޅެއް ވެސް ނުކުރާނަން،" މޮރީނިއޯ ބުންޏެވެ.

ޗެލްސީގެ ކޯޗުކަން މީގެ ކުރިން ދެފަހަރު މަތިން ކޮށް އެޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މޮރީނިއޯ ވަނީ މީގެ ކުރިން އިންޓަރ މިލާންގެ ކޯޗު ކަމުގައި ވެސް ޗެލްސީއާ ދެކޮޅަށް ކުޅެ އެޓީމް ބަލިކޮށްފައެވެ. އަދި މިއީ މޮރީނިއޯ ޗެލްސީއާ ދެކޮޅަށް ނިކުންނަ ދެވަނަ ފަހަރެވެ.

ޗެލްސީގެ ސްޓެމްފޯޑް ބުރިޖްގައި މާދަމާރޭ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން 20:00 ގައެވެ.